ސަރުކާރު މުވައްޒަފުންނަށް މިމަހުގެ 19ވަނަ ދުވަހު ރޯދަ އިނާޔަތް ދޭނެކަމަށް ސަރުކާރުން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު މާލިއްޔަތާބެހޭ ސަރކިއުލާގައި ބުނީ މިއަހަރުގެ ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ މުވައްޒަފުންނަށް ދޭން ހަމަޖެހިފައިވަނީ މިމަހުގެ 19ވާ އާދިއްތަދުވަހުކަމަށެވެ.

ފިނޭންސް މިނިސްޓްރީން އޮފީސްތަކަށް އަންގާފައިވަނީ މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު އެ މުވައްޒަފަކަށް އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުންކަމަށެވެ. އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތް ނުދިނުމަށް އަންގާކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ސާރކިއުލަރގައިވެއެވެ.

ސަރކިއުލަރގައިވާ ގޮތުން ރަމަޟާންމަސް ފެށޭއިރު 'ޕޭ ލީވް' ސްކޮލަރޝިޕް މުވައްޒަފުން އަދި "ނޯ ޕޭ ލީވް"ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތް ނުލިބޭނެއެވެ. އަދި މި ފަދަ "ލީވް" އެއްގައި ހުންނަ މުވައްޒަފަކު ރަމަޟާންމަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެ ނަމަ އެދުވަހަކުން ފެށިގެން ރަމަޟާންމަހުގެ ނިޔަލަށް ޖެހޭ ޢަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށްވެސް ފިނޭންސްގެ ސާރކިއުލަރގައި ބުނެފައިވެއެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3,000 (ތިންހާސް) ރުފިޔާ ދޭންވާނެއެވެ.

އެހެންކަމުން ވަޒީފާދީގެން މުވައްޒަފުން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުންވެސް، ރަމަޟާން މަސް ފެށުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދެއްވުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވަނީ އަންގާފައެވެ.

ރާއްޖޭގައި މުވައްޒަފުން ގެންގުޅޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރޯދަ ޢިނާޔަތް ނުދޭކަން ފާހަގަކުރެވޭކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވަނީ ބުނެފައެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނީ ވަޒީފާދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރަމަޟާންމަހުގެ ޢިނާޔަތް ނުދޭކަމަށެވެ. އަދި ޢިނާޔަތް ދިންކަމުގައިވިޔަސް، ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައިނުވާކަން މީގެ ކުރިންވެސް ފާހަގަކުރެވިފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މިއަހަރުގެ ރޯދަމަސް ފެށޭނީ 23 މާޗުގައެވެ.



ކިޔުންތެރިންގެ ހިޔާލު