އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން އެމަގުގައި ތާރު އަޅާފައިވާ ސަރަހައްދު އާއްމުންނަށް ހުޅުވާލައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ބުނީ އަމީނީމަގުގެ ފުރަތަމަ 3 ސެގްމަންޓްގައި ތާރު އަޅާ ނިންމާފައިވާއިރު އިއްޔެ އެ ސެގްމަންޓްތައް އާއްމުންނަށް ހުޅުވާލައިފިއެވެ.

އަމީނީމަގު ތާރުއަޅައި ނިމިފައިވާ ސަރަހައްދު އާއްމުންނަށް ހުޅުވާލި ނަމަވެސް ފިނިޝިންގެ ބައެއް މަސައްކަތްތައް ކުރިއަށްދާކަމަށް އާރުޑީސީން ބުނެއެވެ. އެގޮތުން ތާރު އަޅާފައިވާ ސެގްމަންޓުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށްދާއިރު، ސެގްމަންޓް 4 ގައި ދުވާރު ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ސްޓޯރމް ވޯޓަރ ސިސްޓަމް ގާއިމްކުރުމަށް މޫނިމާ ހިނގުން ބަންދު ކުރެވިފައިވާކަމަށްވެސް އާރުޑީސީން ބުނެއެވެ.



އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.

އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާއަށެއެވެ.



ކިޔުންތެރިންގެ ހިޔާލު