އައްޑޫއަށް ސިޓީއެއްގެ ދަރަޖައެއް ދިން ނަމަވެސް ސިޓީގެ ދަރަޖައާއެކު އަންނަންޖެހޭ އުމްރާނީ ތަރައްޤީ އައްޑޫއަށް އައިސްފައިނުވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ އައްޑޫ ސިޓީއަށް ސިޓީއެއްގެ ދަރަޖަ ދީފައި އޮތްނަމަވެސް އެ ސިޓީ ތަރައްޤީކޮށްފައި ނުވާކަަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ދެނެގަނެ ދެކުނުގެ އިޤްތިޞާދީ މައިހަބުގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީކުރަމުންދާކަން މިނިސްޓަރ ފައްޔާޒު ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރުން އައްޑޫގައި ހިންގާ އުމްރާނީ މަޝްރޫޢުތަކާއެކު ތަރައްޤީގެ ރޮނގުން އެތައް ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. މިގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢާއެކު 6000 އެނދު ފަތުރުވެރިކަމަށް ނެރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ގަން އެއަރޕޯޓާއެކީ ފަތުރުވެރިކަމުގެ އެނދުތައް މާކެޓަށް ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި، ހަންކެޑެ ތަރައްޤީކުރުމަށް ވާންޖެހޭ ތައްޔާރީތަކާއި، އައްޑޫ ސިޓީ ވިލިނގިލީގައި ޤާއިމްކޮށްފައިވާ ރިސޯޓު އަލުން ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

"ބިން ހިއަކުމުގެ މަޝްރޫޢުގެ ތެރެއިން ރިސޯޓުތައް ތަރައްޤީ ކުރުމާއި މުޅިން އަލަަށް 5 ރަށެއް ހިއްކަމުން އެބަދޭ. ގެސްޓްހައުސްގެ ވިޔަފާރި ތަރައްޤީ ކުރުމަށް ބިން ލިބިފައިވާ ފަރާތްތަކަށް ފައިނޭންސް ހޯދުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ޕްރޮގްރާމެއް ރާވައިގެން މިހާރު މިދަނީ ގެސްޓް ހައުސްތަކުގެ ވެރިފަރާތްތަކާއެކު ވާހަކަ ދައްކަމުން" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެއަރޕޯޓުގެ މަޝްރޫޢުއާއެކު ފަތުރުވެރިކަމުގެ އިތުރުން އައްޑޫގެ މަސްވެރިކަމަށްވެސް ވަރަށްބޮޑު ދޮރެއް ހުޅުވިގެންދާނެކަމަށެވެ. އެގޮތުން ކަންނެލި މަސްވެރިކަންކުރާ މީހުން ބާނާ މަސް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައްވެސް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.



މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އެމްޑީ ގައިސް ނަސީރާއި، ރެނާޓަސް ކުންފުނީގެ ޗެއާމަން ސިލްވަސުންދަރަމް ޕޫސަޕާންއެވެ.

އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެއެވެ. އައްޑޫ އެއަރޕޯޓް ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 17 މިލިއަން ޑޮލަރު ޚަރަދުކޮށްގެންނެވެ.

އައްޑޫ އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެއަރޕޯޓްގެ ޓަރމިނަލް އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތައްވެސް ތަރައްޤީވެފައި ހުންނާނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ސަރުކަރުން ބުނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅި ރާއްޖޭގެ ތަރައްޤީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު