އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަފާނެކަމުގެ އިޝާރާތެއް ކުރަށްވައިފިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަފާނެކަމުގެ އިޝާރާތެއް ޑރ. މުނައްވަރު ދެއްވާފައިވަނީ މިއަދު ހެނދުނު ފޭސްބުކްގައި އާއްމުކުރެއްވި ޕޯސްޓެއްގައެވެ.

ޑރ. މުނައްވަރުގެ ޕޯސްޓްގައި ލިއުއްވާފައިވަނީ "ޑރ.މުނައްވަރު 2023،" މިހެންނެވެ. އިތުރު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މުނައްވަރުގެ ޕޯސްޓަށް ކޮމެންޓް ކުރެއްވި ބޭފުޅުން ވަނީ އޭނާއަށް ތަރުހީބުދީ، ހިތްވަރު ދެއްވާފައެވެ.

އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. މުނައްވަރު ރައީސް މައުމޫނުގެ ވެރިކަމުގައި 2003 ވަނަ އަހަރާއި ހަމައަށް 10 އަހަރު ވަންދެން ބަންޑާރަ ނައިބުގެ މަގާމު އަދާކުރެއްވިއެވެ. އަދި އައްޑޫ މެމްބަރުކަންވެސް 10 އަހަރު ކުރެއްވިއެވެ.

އޭގެފަހުން 2007 ވަނަ އަހަރު އެމަނިކުފާނު ވަނީ އެމްޑީޕީގެ ރައީސްކަމަށް އިންތިހާބުވެވެވަޑައިގެންފައެވެ.

2008 ވަނަ އަހަރު ރީކޯ މޫސާ މަނިކާއި އެމްޑީޕީގެ އޭރުގެ ޗެއަރޕަރސަން ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް މުނައްވަރު ވާދަކުރެއްވިއެވެ. ނަމަވެސް އޭނާއަށް ލިބިވަޑައިގެންނެވީ ދެވަނައަށެވެ.

ރިޔާސީ ޕްރައިމަރީގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ޑރ. މުނައްވަރު އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވީ 2008 ވަނަ އަހަރުގެ އޮގަސްޓުމަހުއެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ. މުނައްވަރު ތާއީދުކުރެއްވީ ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ރިޔާސީ މައިދާނުން މާބޮޑަށް ޑރ. މުނައްވަރު ފެނިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު