އިންޑިއަން ނޭވީއާއި އެމް.އެން.ޑީ.އެފް ގުޅިގެން ކުރިއަށް ގެންދިޔަ 3 ވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާރވޭގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.

3 ވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާރވޭ ކުރިއަށް ގެންގޮސްފައިވަނީ މިިދިޔަ ޖެނުއަރީ މަހުގެ 19 އިން ފެބްރުއަރީ މަހުގެ 26 ގެ ނިޔަލަށެވެ. ސާވޭގެ ތެރެއިން ވަނީ ހއ. އާއި ހދ. އަތޮޅާއި، ގައްލަންދު ކަނޑު ހިމެނޭ ގޮތަށް އުތުރުގެ ސަރަހައްދު ސާރވޭކޮށްފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ 3 ވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާރވޭގައި ބައެއް ސަރަހައްދުތަކުގައި އުދައިގެ އޮބްޒަވޭޝަންތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އުދައިގެ ސައްހަ އަންދާޒާތައް ކުރެވޭނެކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

މިދިޔަ އާދިއްތަ ދުވަހު އިންޑިއާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެެއްގައި އެ ޤައުމުގެ ސަރުކާރުން ވަނީ ސާރވޭ ކުރި ސަރަޙައްދުތަކުގެ 4 ފެއާ ޝީޓް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލުކޮށްފައެވެ.

މި ސާރވޭގައި އަތޮޅުތަކުގެ 6،308 ކިލޯމީޓަރުގެ ސައުންޑިން ކަށަވަރު ކޮށްފައިވާ ކަމަށާއި އެ ސައުންޑިން ލައިންތަކުން 2،630 އަކަ ކިލޯމީޓަރުގެ ސާރވޭއެއް ކޮށްފައިވެއެވެ.

އިންޑިއާ ހައިކޮމިޝަނުން ވިދާޅުވީ، އިހަވަންދިއްޕޮޅުގެ ކުރީގެ ޗާޓް ހަދާފައި ވަނީ 1934 ވަނަ އަހަރު ކުރި ސާރވޭތަކުގެ މައްޗަށް ބިނާކޮށްކަމަށާއި އެހެންވެ އެ ސަރަހައްދުގެ ސާރވޭ ހެދިއިރު އެތަން ސާރވޭ ކުރީ އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން އެއްގަމާއި ބޯޓާއި ހެލިކޮޕްޓަރާއި އެކި އުޅަނދުފަހަރު ބޭނުންކޮށްގެން ކަމަށެވެ.

ހައިކޮމިޝަނުން ވިދާޅުވީ، ސާރވޭގެ ސަބަބުން އުޅަނދުފަހަރުގެ ނޭވިގޭޝަން ސޭފްޓީ އިތުރުވެ، ރާއްޖޭގެ ނޫ އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށެވެ.

ސާވޭގެ ތެރެއިން ކުޅުދުފުއްޓާއި، މާރަންދޫ އަދި ހޯރަފުށީގެ އުދައިގެ އޮބްޒަވޭޝަންތަކެއްވެސް ވަނީ ކޮށްފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި އެ ސަރަޙައްދުގެ އުދައިގެ ސައްހަ އަންދާޒާތައް ކުރެވޭނެކަމަށް އިންޑިއަން ހައިކޮމިޝަނުން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު