މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއިން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ދައްކަމުން އަންނަ ވާހަކަތަކަކީ ހަގީގަތެއްކަން ހާމަވަމުން އަންނަކަމަށް ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އިންޑިއާގައި މިހާރު ކުރިއަށްދާ ރައިސީނާ ޑައެލޮގްގެ ތެރެއިން ތިމާވެއްޓާއި ރަށްޓެހި ގޮތްތަކާއި ގުޅޭގޮތުން ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުންނެވެ.

ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖެއަކީ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ އެއްވެސް ހިއްސާއެއް އަދާކުރާ ބައެއް ނޫންކަމަށެވއ. ނަމަވެސް މިކަމުގެ ސަބަބުން ކުރިމަތިވާ ނުރައްކާ އެންމެ ބޮޑީ ރާއްޖެއާއި ޖަޒީރާ އެހެން ގައުމުތަކަށްކަން ޝާހިދު ފާހަގަކުރެއްވިއެެވެ. އެހެންކަމުން އެ ގައުމުތަކުން ދައްކާ ވާހަކަ ދުނިޔެއިން އަޑު އަހަންޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

"މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް އޮތް ނުރައްކަލުގެ ވާހަކަ އަޅުގަނޑުމެން މި އަންނަނީ 1989 އިން ފެށިގެން ދައްކަމުން..އޭރު ދުނިޔޭގެ ވިސްނުމަކީ މޫސުމީ މައްސަލަތައް ކުރިމަތިވަނީ ވަރަށް މަދު މީސްކޮޅެއް އުޅޭ ގައުމުތަކަކަށޭ، އެތަންތަން އަޑިއަށް ގޮސްފިނަމަ އެ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކުރާނީއޭ" ޝާހިދު ވިދާޅުވިއެވެ.



ޝާހިދު ވިދާޅުވީ ރާއްޖެއިން 1989 އިން ފެށިގެން ބުނަމުން ދިޔައީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް މިއަދު ކުރިމަތިލާ ކަންކަން، މާދަމާ ދުނިޔޭގެ އެހެން ގައުމުތަކަށް ކުރިމަތިވާނެކަމަށެވެ. އަދި އެ މަންޒަރު މިހާރު ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަމުންދާކަންވެސް ޝާހިދު ފާހަގަކުރެއްވިއެެވެ.

"ކަނޑުގެ ލޮނުގަނޑު ދަނީ އުފެލެމުން. އެކަމަކު ރާއްޖެއާ ހިސާބުން އެކަމެއް ނުހުއްޓޭނެ. މޫސުމީ އެކި މައްސަލަތައް ދަނީ ކުރިމަތިވަމުން.ހޫނުގަދަވެ ޖަންގަލިތަކުގައި ރޯވުން ދަނީ ވަރަށް ބޮޑަށް އިތުރުވަމުން. ތޫފާންތަކުގެ ބާރު ދަނީ ގަދަވަމުން. ފެންބޮޑުވުން ދަނީ އިތުރުވަމުން. އެހެންވީމާ މޫސުމީ މައްސަލަތަކުން އެންމެންނަށް ދަނީ އަސަރުކުރަމުން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މޫސުމީ މައްސަލަތަކުގައި ކުދި ޖަޒީރާތަކުގެ އަޑު އެހުމަކީ ވަރަށް މުހިއްމުކަމެއްކަމަށާއި އަދި ޖީ20ގެ ޗެއަރމަންގެ ގޮތުން އިންޑިއާއިން މިކަމުގައި ކުރާ މަސައްކަތް ޝާހިދު ފާހަގަކުރެއްވިއެެވެ.

"ޖީ20 އަކީ ވަކި ބަޔަކަށް ހާއްސަ ބައެއް ނޫން. މިއަދު އިންޑިއާގެ ލީޑަރޝިޕްގެ ދަށުން ޖީ20އިން ދަނީ މުޅި ދުނިޔޭގެ އަޑު އަހަމުން. ރާއްޖެ ފަދަ ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން އެންމެ ނާޒުކު ފައްތަރެއްގައި އޮތް ގައުމުތަކުގެ އަޑު އަހާ. މިކަމުގެ ބޮޑުވާޒީރު މޯދީ ކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން" ޝާހިދު ވިދާޅުވިއެވެ.

މި ޕެނަލް ޑިސްކަޝަންގައި ޝާހިދުގެ އިތުރުން ބޫޓާންގެ ހާރިޖީ ވަޒީރާއި އެޕަލް ކުންފުނީގެ ވައިސް ޕްރެސިޑެންޓަކާއި އިތުރު ތަޖުރިބާކާރުން ބައިވެރިވިއެވެ.



ކިޔުންތެރިންގެ ހިޔާލު