ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން އުފައްދާ، ވަޒީފާގެ ބާޒާރު ކުރިއެރުވުމަށް ހުރިހާ އިންޑަސްޓްރީތައް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ޓްރޭޑް ޔުނިއަންގެ "މަސައްކަތެރިންގެ ކޮންގްރެސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ފައްޔާޒް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އަހަރުން އަހަރަށް ފުޅާވަމުން އަންނައިރު، ރާއްޖެއިން އެއާއި އެއްވަރަށް އިންސާނީ ވަސީލަތް ނުލިބުމަކީ ވިސްނަންޖެހިފައިވާ ކަމެއްކަމަށެވެ. އަދި މިނިސްޓްރީން ހިންގަމުން އައި ޖޮބް ސެންޓަރު، ވަކި އޮފީހެއްގެ ގޮތުގައި ބަދަލުކޮށް ހިންގަން ފެށުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށްވެސް މިނިސްްޓަރ ވިދާޅުވިއެވެ.



އިކޮނޮމިކް މިނިސްޓަރގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިން މަދުވުމުގެ ކަންބޮޑުވުން އެބައޮތްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގެ ވަޒީފާގެ ބާޒާރު ކުރިއެރުވުމަށް، ހުރިހާ އިންޑަސްޓްރީތައް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ނެޝަނަލް ޖޮބް ސެންޓަރގެ ބޭނުން ހިފާ، އެކި ދާއިރާތަކަށް ދިވެހިން ނެރުމަށް ވިޔަފާރިތަކުން މަސައްކަތް ކުރަންޖެހޭ" މިނިސްޓަރ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރގެ ވާހަކަފުޅުގައި މި ސަރުކާރުން ވަޒިފާއާއި ގުޅުންހުރި ކަންކަމުގައި ކުރު މުއްދަތެއްގެ ތެރޭގައި މުހިންމު ބަދަލުތަކެއް ހޯދައިދެވިފައިވާކަން ފާހަގަކުރެއްވިއެެވެ. އަދި ސަރުކާރު ހަވާލުވެ، އެންމެ ފުރަތަމަ ބޭއްވި ކެބިނެޓް ބައްދަލުވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑަށް ބާރުއެޅުއްވި އެއްކަމަކީ މަސައްކަތްތެރިންނާއި، ރާއްޖޭގެ ވަޒީފާގެ ބާޒާރާއި އިޤްތިޞާދީ މައްސަލަތަކަށް ރިއާޔަތްކުރުމަށްކަމަށްވެސް މިނިސްްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު