އެމްޑީޕީގެ ވެރިކަން ގެއްލުވާލަން އުޅެނީ ޕާޓީއަށްވެސް އަދި ގައުމަށްވެސް ހެޔޮއެދޭ ބައެއް ނޫންކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ރޭ ހިރިލަންދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ، އަދި އެންމެ ބޮޑު ޕާޓީގެ ގޮތުގައި އެމްޑީޕީ ދެމިއޮތުމުގެ މައިގަނޑު ސަބަބަކީ ވަކި މީހެއްގެ ފަހަތުން އުޅެން ނުޖެހި، ޕާޓީގެ ހުރިހާ ގުނަވަންތަކެއް ހަމަހަމަކޮށް ޕާޓީއެއްގެ ގޮތުގައި އޮތުންކަމަށެވެ.

އަސްލަމް ވިދާޅުވީ ޕްރައިމަރީން މޮޅުވާ މީހެއްގެ ފަހަތަށް ޕާޓީގެ އެންމެން އަރަންޖެހޭކަމަށާއި ވަކި ފެކްޝަން ހަދައިގެން މަސައްކަތް ކުރެވިގެން ނުވާނެކަމަށެވެ.

އަސްލަމް ވިދާޅުވީ ވަކި ފެކްޝަނެއް ހަދައިގެން ބަޔަކު މަސައްކަތް ކުރަނީ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށެވެ. އަދި އެއީ ޕާޓީއަށްވެސް އަދި ގައުމަށްވެސް ހެޔޮއެދޭ ބައެއް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރެއްވުމުގެ ކޮލިޓީ ހުރި ބޭފުޅެއް ކަމަށާއި ކުޑަ ރަށަކަށް އެރިޔަސް ބޮޑު ރަށަކަށް އެރިޔަސް ފެންނަނީ ތަރައްގީވެ ކުރިއެރުން ލިބިގެންދާތަން ކަމަށެވެ.

ހިރިލަންދޫގައި ބޭއްވި ޖަލްސާގައި ތ. ހިރިލަންދޫ އިން އެމްޑީޕީއާ އަލަށް ގުޅުނު 200 އަށްވުރެ ގިނަ މެންބަރުންގެ ފޯމު ވަނީ ހަވާލުކޮށްފައެވެ. މި ފޯމްތައް ހަވާލުކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއެވެ.



ކިޔުންތެރިންގެ ހިޔާލު