ރާއްޖޭގެ އިގްތިސާދަށް މިއޮތް ކުރު މުއްދަތުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށާއި، އެކަމަށް ބޭނުންވާ ދިވެހި މަސައްކަތްތެރިން އުފައްދަންޖެހޭކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސައްކަތްތެރިންގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ވަޢުދެއް ކަމަށާ، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތަޢާރުފް ކުރުމަށްޓަކައި، ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭ ގޮތުން، ބޭރުގެ ފަންނީ ބޭފުޅުންގެ އެހީއާއެކު ކަމާ ބެހޭ ޤާނޫނެއްގެ ދެލިކޮޕީ އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. އަދި މާލަސްތަކެއް ނުވެ އެބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ މަސައްކަތްތެރިންނާއި މަސައްކަތްތެރިންގެ ޢާއިލާތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށް، އާމްދަނީ އިތުރުކޮށްދިނުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މިގޮތުން މިނިމަމްވޭޖް ތަޢާރަފްކުރުމާއި، ސާވިސް ޗާޖްގެ ފައިދާ މުވައްޒަފުންނަށް ހަމަހަމައަށް ލިބިދިނުމަށް ޤާނޫނަށް ގެނައި ބަދަލުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް، ޖޮބް ސެންޓަރުތަކާއި ޖޮބް ސެންޓަރުގެ ޑެކްސްތައް ޤާއިމްކޮށް ޚިދުމަތްދޭން ފެށިފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރު މަޖިލީހަށް ފޮނުވިފައިވާ، އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލްގެ ސަބަބުން، މުވައްޒަފުންގެ އިޖްތިމާޢީ އަދި ޞިއްޙީ ރައްކާތެރިކަން އިތުރަށް ކަށަވަރުވެ، ވަޒީފާ ދޭ އަދި ވަޒީފާ އަދާކުރާ މީހުންގެ ޒިންމާ ކަނޑައެޅިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގައި ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގޭނެ މަގުފަހިކޮށްދެއްވުމަށް، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އެކުލަވާލައި ނިމިފައިވާ ކަމަށާ އެބިލް މިފެށޭ ހަފްތާގައި މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ. އަދި އެބިލް އޮތީ މޯލްޑިވުސް ޓްރޭޑް ޔޫނިއަނުން ފާހަގަކުރެއްވި ކަންތައްތަކަށް ރިޢާޔަތްކޮށް މުރާޖަޢާކުރައްވާފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް މިއޮތް ކުރު މުއްދަތުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އެބަ އަންނަކަމަށެވެ. އަދި އެކަމަށް ދިވެހި މަސައްކަތްތެރިން ތައްޔާރުކުރުން މުހިއްމުކަމަށް ރައީސް ވިދާޅުވިއެވެ.

"ޓޫރިޒަމް މުޅި ރާއްޖެއަށް ފެތުރިގެން އެބަދޭ. އައްޑޫ އާއި ހަނިމާދޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީވެ ނިމުމުން ވަރަށް ބާރު ސްޕީޑެއްގައި ފަތުރުވެރިކަން ކުރިއަރާނެ. ދަތުރުފަތުރުގެ ނިޒާމަށް މި އަންނަ ބަދަލުގެ ސަބަބުން އެތައް އެތައް ވަޒީފާއެއް އުފެދިގެންދާނެ.މީހުން އެބަ ބޭނުންވޭ ވަޒީފާތަކަށް" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ޔޫނިއަންގެ އެންމެހައި މެމްބަރުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު