މުސާރައަށް ގެނައި ބޮޑު ކުރިއެރުމާއެކު ތައުލީމީ ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްވާ އަހަމިއްޔަތުކަން ހާމަވާކަމަށް ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ވެރިން ވިދާޅުވެއްޖެއެވެ.

މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުތައް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިއްޔެ ވަނީ އިއުލާންކުރައްވާފައެވެ. މިބަދަލާއިއެކު، ލެކްޗަރައިންނަށް ދޭ މުސާރަ ގާތްގަޑަކަށް 59 އިންސައްތަ ބޮޑުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަތީތަޢުލީމުދޭ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލާއި ގުޅިގެން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ މުހައްމަދު ޝަރީފް ވިދާޅުވީ މިކަމުން ދައްކުވައިދެނީ ތައުލީމީ ދާއިރާ ކުރިއަރުވަން ރައީސް ސާލިހު ދެއްވާ އަހަމިއްޔަތުކަންކަމަށެވެ. އަދި މިއީ މަތީ ތައުލީމުގެ ފެންވަރު ދަމަހައްޓާއި ކުރިއެރުވުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމް ވިދާޅުވީ މުސާރައަށް މި ގެނެވުނު ހެޔޮ ބަދަލާއެކު މިދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރެވިގެންދާނެކަމަށެވެ.



މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލުތައް އިއުލާންކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު މުދައްރިސުންކަމަށެވެ. މިގޮތުން، މާރިޗު 1 ވަނަ ދުވަހުންފެށިގެން ގެނައި ބަދަލާ އެކު މިހާރު ޔުނިވާސިޓީ ލެކްޗަރަރ އިންގެ މުސާރަ 59 އިންސައްތަ ބޮޑުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރައްވައި އެކި މަޤާމްތަކުގެ މުސާރައަށް ގެނެވުނު ބަދަލުތަކުގެ ތަފްޞީލް ޙިއްޞާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރައަކަށް ކުރިން ލިބުނު މުސާރައަކީ 18880 ރުފިޔާ ކަމަށާއި، މިގެނައި ބަދަލާއި އެކު މިހާރު ޔުނިވަރސިޓީގެ ލެކްޗަރަރ އަކަށް އިތުރު ވަގުތާއި ނުލައި މަހެއްގެ މައްޗަށް ގާތްގަނޑަކަށް 29900 ރުފިޔާ ލިބޭނެކަމަށެވެ. އަދި ސީނިއަރ ލެކްޗަރައިންގެ މުސާރައަކީ މިހާރު 20830 ރުފިޔާ ކަމަށާއި އެހެން ނަމަވެސް މިގެނެވުނު ބަދަލާއިއެކު ސީނިއަރ ލެކްޗަރަރ އަކަށް އިތުރުގަޑީގެ ފައިސާ އާއި ނުލައި 34000 ރުފިޔާ ލިބޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އެސިސްޓެންޓް ޕްރޮފެސަރެއްގެ މުސާރަ 23500ރ އިން 39400ރއަށް ބޮޑުވާނެ ކަމަށާއި، އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރަ 26000ރ އިން 45000ރ އަށް ބޮޑުވާނެ ކަމަށާއި، އަދި ޑީންގެ މުސާރަ 30000ރ އިން 38000ރ އަށް ބޮޑުވާނެ ކަމަށާއި ރެޖިސްޓްރާއިންގެ މުސާރަ 32000ރ އިން 42000ރއަށް ބޮޑުވެގެންދާނެ ކަމަށާއި، ޑެޕިއުޓީ ވައިސްޗާންސެލަރ ގެ މުސާރަ 39000ރ އިން 48000ރ އަށް ބޮޑުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ވޮކޭޝަނަލް އެޑިޔުކޭޝަންގެ ޕްރޮފެޝަނަލުންގެ ތެރޭގައި ހިމެނޭ އެސޯސިއޭޓް ލެކްޗަރަރުންނަށް މިހާރު ލިބޭ 14700 ރުފިޔާގެ ބަދަލުގައި 26000 ރުފިޔާއަށް މުސާރަ ބަދަލުވެގެންދާނެ ކަމަށާއި އަދި ލެކްޗަރަރއެއްގެ މުސާރަ 17000 ރުފިޔާއިން 29000 ރުފިޔާއަށް، ސީނިއަރ ލެކްޗަރަރއެއްގެ މުސާރަ، 17000 ރުފިޔާއިން 34000 ރުފިޔާއަށް ބަދަލުވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުސާރައިގެ މިބަދަލު 767 މުވައްޒަފަކަށް އަންނާނެ ކަމަށާއި އަހަރަކު 62 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ހޭދަކުރެވޭނެ ކަމަށެވެ. އަދި މިގެނެވޭ ބަދަލުގެ ހެޔޮ ނަތީޖާ ޔުނިވަރސިޓީތަކުންނާއި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުތަކުން ފެނިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު