ބެންކު ޗެކުތަކާއި ގުޅޭގޮތުން ނެރުނު އުސޫލަށް އަމަލުކުރުން ފަސްކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނިންމައިފިއެވެ.

ރާއްޖޭގައި ޗެކު ބޭނުންކުރާ މިންވަރު މަދުކުރުމަށް އެމްއެމްއޭއިން ވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހު އެކްޝަން ޕްލޭނެއް އެކުލަވާލާފައެވެ.

މި އެކްޝަން ޕްލޭންގެ ދަށުން އަންނަމަހުގެ 1ވަނަ ދުވަހުން ފެށިގެން، ވަކިވަކި ފަރުދުންނާއި، ހުރިހާ ވިޔަފާރިތަކުން ޗެކު ބޭނުންކޮށްގެން ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭހެން، ރާއްޖޭގައި ޗެކު ބޭނުންކޮށްގެން މުޢާމަލާތްކުރެވޭނެ އެންމެ މަތީ ޢަދަދަކީ ދިވެހި ރުފިޔާއިން ނަމަ 50،000 އަދި ޔޫއެސް ޑޮލަރުން ނަމަ 3،000 ކަމުގައި ވާނީ ކަނޑައަޅާފައެވެ.

އެމްއެމްއޭއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެކްޝަން ޕްލޭން ތަންފީޒުކުރުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކުން އެންމެ އެދެވޭ މިންވަރަށް ތައްޔާރުވެފައި ނުވާކަމަށެވެ.

އެހެންކަމުން ،މިކަމަށް ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން އެކްޝަން ޕްލޭންޒް އަމަލުކުރުން ފަސްކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ. ނަމަވެސް އެކަން ދެން ތަންފީޒުކުރަން ފަށާނެ ދުވަހެއް އެމްއެމްއޭއިން ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު