ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ ކޯލިޝަނަކުންކަމަށާއި އެކަމާއި ދެކޮޅު ހެއްދެވި ބޭފުޅުންވެސް މިއަދު ކޯލިޝަން ހަދާ ވާހަކަ ދައްކަމުންދާކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތ. ހިރިލަންދޫ އެމްޑީޕީ މެމްބަރުންނާއެކު މިރޭ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިންތިހާބެއް ކާމިޔާބު ކުރުމަށް އޮތް ފޯމިއުލާއަކީ ކޯލިޝަނެއް ހަދައިގެން އިންތިހާބުގައި ވާދަކުރުން ކަމަށެވެ. އަދި އެ ނޫންގޮތެއް ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ނުސީދާކޮށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މީގެކުރިން ކޯލިޝަން ހެދުމާއި ދެކޮޅު ހެއްދެވި ބޭފުޅުން މިހާރު އުޅުއްވަނީ އެކި ފަރާތްތަކާއެކު ކޯލީޝަން ހެދުމަށްކަމަށެވެ.

"އަޅުގަނޑު ހިތުން މިކަމާ ދެކޮޅު ހެއްދެވި ބޭފުޅުންވެސް އެ މަސައްކަތް ކުރަނީ ކޮންމެސް ބަޔަކާ އެކީ ކޯލިޝަން ހަދަން. އޭރަކު އެ މަންޒަރެއް ނުފެނޭ. އަޅުގަނޑު އެދުވަހު އެ ދެންނެވި ގޮތަށް އެ މަސައްކަތް ފަށައިގެން އަޅުގަނޑު ކުރިއަށް މިދަނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރަމުންދާކަމަށެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް ކުރިމަތިލާން ގަސްދު ކުރައްވާއިރު މިހާރު ކޯލިޝަންގައި ތިއްބެވި ޕާޓީތަަކަށް ދައުވަތު ދީގެން އެ ޕާޓީތައް ހިމެނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކޯލިޝަން ހެދުމުގެ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނިކުންނާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ބޮޑުތަނުން އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

ހިރިލަންދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ބައެއް ވަޒީރުންނާއި އެމްޑީޕީއަށް ތާއީދުކުރާ ހިރިލަންދޫގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.



ކިޔުންތެރިންގެ ހިޔާލު