މި ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ގެނެސްދެއްވުމުގެ އަމާޒުގައިކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ތ. ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ އޮފީސް އިމާރާތް ރަސްމީގޮތުން ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ސައީދު ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންނަށް ހަމަޖެހިލައިގެން އުޅެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށްކަމަށެވެ. އަދި ދަތި އުނދަގޫ ހާލަތްތަކުގައިވެސް ތަރައްޤީ ގެނެސްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާކަންވެސް ސައީދު ފާހަގަކުރެއްވިއެވެ.

ސައީދުގެ ވާހަަކަފުޅުގައި ވަނީ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ގެނެސްދޭން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތް ފާހަގަކުރައްވާފައެވެ. އެގޮތުން އެ ރައީސް ސާލިހު ބޭނުންފުޅުވަނީ ރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާއި، ހަމަޖެހިލައިގެން އުޅެވޭ މާހައުލެއް އޮތުންކަމަށް އަބަދުވެސް ވިދާޅުވާކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެ މަގުން މަސައްކަތްކޮށްދެއްވުމަށް ރައީސް ސާލިހު އަބަދުވެސް އެދިވަޑައިގަންނަވާކަމަށް ސައީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކާއި ވަޒީފާގެ ފުރުސަތު އެ މީހަކު ހުންނަ ރަށަކުން ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން މިހާރުވެސް އަމަގަށް ވާޞިލްވުމަށްޓަކައި އެތަކެއް މަސައްކަތްތަކެއް ކުރައްވަމަުން އަންނަކަމަށް ސައީދު ވިދާޅުވިއެވެ.

ރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން ޢިމާރާތް ކުރި، އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެއިމާރާތް ބައްލަވާ ލައްވާފައެވެ. މިޢިމާރާތަކީ، 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގައިގެ ގޮތުން ތަނަވަސް އޮފީސް އިމާރާތެކެވެ. މިއީ ތ. އަތޮޅުގައި އިމާރާތް ކުރަމުންދާ 10 އޮފީސް އިމާރާތުގެ ތެރެއިން މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވުނު ފުރަތަމަ އޮފީސް އިމާރާތެވެ.

ކޮޅުމަޑުލު ހިރިލަންދޫއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެރަށަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.



ކިޔުންތެރިންގެ ހިޔާލު