މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕަނީ ޕްރައިވެޓް ލިމިޓެޑް، އެމް.ޑަބްލިޔު.އެސް.ސީއިން އެމްވީ ރަން ސްޕޮންސަރ ކުރުމަށް ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީ.އެފް.ޖީ) އާއިއެކު 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. އަދި ޓީ.އެފް.ޖީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ހުސެން ޒިނާންއެވެ.

މިރަސްމިއްޔާތުގައި ޓީ.އެފް.ޖީގެ މެނޭޖްމަންޓް ޓީމާއި އެތުލީޓުންގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމަންޓް ޓީމާއި އަދި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އަމް.ޑަބްލިޔު.އެސް.ސީން މި ރަން ސްޕޮންސަރ ކުރުމުގެ މައިގަނޑު މަގްޞަދަކީ، ދިވެހިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަގުފަހިކޮށްދީ ކަސްރަތު ކުރުމަށް ހިތްވަރުދިނުން ކަމަށް އެކުންފުނިން ބުނެއެވެ.

މިއެއްބަސްވުމުގެ ދަށުން، މިރަންގެ ބްރޭންޑިންގ އެމް.ޑަބްލިޔު.އެސް.ސީން އަލަށް ތަޢާރަފް ކުރި އާރޯ ޕްރިމިއަމް ފެނާއި ގުޅުވައި، "އާރޯ އެމްވ ރަން"ގެ ނަމުގައި ޓައިޓެލް ސްޕޮންސަރޝިޕް ވަނީ ދީފައެވެ. އަދި މިއާއިއެކު، ޓީ.އެފް.ޖީގެ ފަރާތުން އިންތިޒާމްކުރާ ބޮޑު 5 ރަން އާއި "ދަ މޯލްޑިވްސް ލޯންގް ރަން"ގެ ކޯ-ސޮޕޮންސްރ އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ވަނީ ނަގާފައެވެ.



ޓީ.އެފް.ޖީ ގެ ފަރާތުން، 2022 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު، އެކި އުމުރުފުރާތަކަށް ހުޅުވާލައިގެން ބާއްވާ، "އެމް.ވީ ރަން" އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދެވޭ ދުވުމުގެ ހަރަކާތެވެ. މިއަހަރު "އާރޯ އެމް.ވީ ރަން" ބޭއްވުމަށް ހަމަޖެހިފައި ވަނީ، 2 ޖޫން ވާ ހުކުރު ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން، ހުޅުމާލެގައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ރާއްޖޭގައި ޔޫޓިލިޓީ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، ކުޅިވަރުގެ އެކި ހަރަކާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވުމަކީ އެމް.ޑަބްލިޔު.އެސް.ށް ލިބޭ ވަރަށް ބޮޑު ފަޙްރަކާއި

އުފަލެއްކަމަށެވެ.

"އާރޯ" ފެނަކީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ޕްރިމިޔަމް ކޮލިޓީގައި ބިއްލޫރި ފުޅީގައި ބަންދު ކުރެވުނު ފެނެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާގޮތަށް ދިވެހި ފަންނުވެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ "އާރޯ" ބްރޭންޑް އެމް.ޑަބްލިޔު.އެސް.ސީ އިން ތަޢާރަފް ކުރީ 2022 ނޮވެންބަރުގައެވެ.



ކިޔުންތެރިންގެ ހިޔާލު