ރާއްޖޭގައި މުވައްޒަފުން ގެންގުޅޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރޯދަ ޢިނާޔަތް ނުދޭކަން ފާހަގަކުރެވޭކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނެފިއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން މިހެން ބުނެފައި މިވަނީ ރޯދަމަސް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3,000 (ތިންހާސް) ރުފިޔާ ދޭންވާނެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނީ ވަޒީފާދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރަމަޟާންމަހުގެ ޢިނާޔަތް ނުދޭކަމަށެވެ. އަދި ޢިނާޔަތް ދިންކަމުގައިވިޔަސް، ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައިނުވާކަން މީގެ ކުރިންވެސް ފާހަގަކުރެވިފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެހެންކަމުން ވަޒީފާދީގެން މުވައްޒަފުން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުންވެސް، ރަމަޟާން މަސް ފެށުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދެއްވުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވަނީ އަންގާފައެވެ.

މިއަހަރުގެ ރޯދަމަސް ފެށޭނީ 23 މާޗުގައެވެ.



ކިޔުންތެރިންގެ ހިޔާލު