މިދިޔަ 2022 ވަނަ އަހަރުގެ ތެރޭގައި 35 ގައުމެއްގެ ކަމާބެހޭ ފަރާތްތަކުން މަދުވެގެން 187 ފަހަރު އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައި ވާއިރު، މިއީ އެއް އަހަރެއްގެ ތެރޭގައި މިހާތަނަށް އިންޓަނެޓްގެ ޚިދުމަތް ކަނޑާލިކަމަށް ރެކޯޑްކުރެވިފައިވާ އެންމެ މަތީ އަދަދެވެ. ދުނިޔޭގެ ގައުމުތައް ހިމެނޭ މި ލިސްޓުގެ އެއްވަނައިގައި އިންޑިއާ އޮތީ 84 ފަހަރެއްގެ މަތީން އިންޓަނެޓްގެ ޚިދުމަތް ކަނޑާލައިގެންނެވެ. އޭގެ ތެރެއިން 49 ކަނޑާލާފައިވަނީ ކަޝްމީރުގެ އިންޑިޔާގެ ބާރުގެ ދަށުގައި އޮންނަ ފަޅީންނެވެ.

މިއީ ސުމޭކުގެ (ޑިޖިޓަލް) ޙައްޤުތަކަށް ފާރަވެރިވާ ޖަމާއަތެއް ކަމަށްވާ "އެކްސެސް ނައު" އިން އަންގާރަ ދުވަހު ނެރުނު ރިޕޯޓެއްގައިވާ ހޯދުންތަކެކެވެ. އެކްސެސް ނައު އިން ބުނާ ގޮތުން ސަރުކާރުތަކުން އިންޓަނެޓް ކަނޑާލަމުން އަންނަނީ އޭގެ ސަބަބުން އެ ސަރުކާރަކާ މެދު އެޅޭނެ ފިޔަވަޅެއް ނޯންނާނެކަމަށް ދެކިގެން ރައްޔިތުން ކޮންޓްރޯލުކުރުމަށް ބޭނުމުގައެވެ.

އިންޓަނެޓް ބަންދުކުރުމުގައި "އެންމެ ބޮޑު ކުށްވެރިޔާ"ގެ ލަގަބު ދީފައިވާ އިންޑިޔާ، އެކްސެސް ނައުގެ ލިސްޓުގެ ޖައްްސަޖައްސައިގެން އެއްވަނާގައި އޮންނަތާ މިއީ ފަސްވަނަ އަހަރެވެ. 2017 އިން ފެށިގެން އިންޑިޔާ މިލިސްޓުގެ އެއް ވަނާގައި އޮތް އިރު އިންޓަނެޓް ކަނޑާލި ފަހަރުތަކުގެ އަދަދު 2022 ގައި މިވަނީ ފުރަތަމަ ފަހަރަށް 100 އަށް ވުރެ ދަށްވެފައެވެ.

ސިޔާސީ ހަލަބޮލިކަމާއި ތަޅާފޮޅުމާއި ހަމަނުޖެހުން ސަބަބެއް ކަމަށް ދައްކައިގެން އިންޑިއާގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ ކަޝްމީރު ސަރަހައްދުން މަދުވެގެން 49 ފަހަރު އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައެވެ. އޭގެ ތެރޭގައި 2022 ގެ ޖެނުއަރީ އަދި ފެބްރުއަރީ މަހުގެ ތެރޭގައި ތިން ދުވަހުގެ މުއްދަތަށް އިންޓަނެޓް ކަނޑާލުމުގެ 16 އަމުރެއް ނެރެފައިވެއެވެ. އެހެންނަމަވެސް 2022 ގައި ކަޝްމީރުން އިންޓަނެޓް ކަނޑާލި ފަހަރުތަކުގެ އަދަދު 2021 ވަނަ އަހަރަށް ވުރެ މަދެވެ.

މުޅި ކަޝްމީރަކީ އިންޑިޔާ އަދި ޕާކިސްތާނުން ދަޢުވާކުރަމުން އަންނަ ތަނެކެވެ. މިހާރުވެސް ކަޝްމީރުގެ އެއްބައި ޕާކިސްތާނުން ކޮންޓްރޯލްކުރާ އިރު އަނެއް ބައި އޮތީ އިންޑިޔާގެ ކޮންޓްރޯލުގެ ދަށުގައެވެ. އިންޑިޔާގެ ދަށުގައި އޮންނަ ކަޝްމީރުގެ ވަރަށް ގިނަ ބަޔަކު އިންޑިޔާގެ ވެރިކަމުގެ ދަށުން މިނިވަންވާން މަސައްކަތްކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެކަމުގެ ސަބަބުން ކަޝްމީރަކީ މުޅި އިންޑިޔާގައި އޮތް އެންމެ ހަލަބޮލި އަދި ހަމަނުޖެހުން ބޮޑު ސަރަހައްދަށް ވަނީ ވެފައެވެ. އަދި ނަތީޖާއެއްގެ ގޮތުން އިންޑިޔާގެ ސަލާމަތީ ބާރުތައް އެންމެ ގިނަ އަދަދަކަށް ހަރަކާތްތެރިވަމުން ދަނީވެސް ކަޝްމީރުގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިސްކޮށް ހުންނަވައިގެން އިންޑިއާގެ ކަނާތުފިޔައިގެ ސަރުކާރުން، ކަޝްމީރަށް، ޤާނޫނުއަސާސީން ލިބިދީފައިވާ ޚާއްޞަ ހައިސިއްޔަތު އުވާލި ފަހުން، އެ ސަރަހައްދުގައި މީގެ ކުރިން ނުފެންނަ މިންވަރަށް ރައްޔިތުންނާ ދެކޮޅަށް ފިޔަވަޅު އެޅުމާއި، ކަޝްމީރުގެ ރައްޔިތުންނަށް ދަތި އުނދަގޫވާނޭ ފަދަ އެތައް ޤާނޫނަކާއި ސިޔާސަތުތަކެއް އަންނަނީ ހިންގައި ތަންފީޒުކުރަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެއީ އިންޑިޔާގެ މުސްލިމް އަޣްލިބިއްޔަތެއް އޮންނަ އެންމެ ބޮޑު ސަރަހައްދުގެ މުސްލިމުންގެ ޙައްޤުތައް ނިގުޅައިގަނެ އެބައިމީހުންނަށް އަނިޔާވެރިވުމުގެ ގޮތުން ސަރުކާރުން ހިންގަމުންގެންދާ އަމަލުތަކެކެވެ.

އިންޑިޔާގެ ސުމޭކުގެ ޙައްޤުތަކަށް ވަކާލާތުކުރާ މީހެއްކަމަށްވާ ސްރީނިވާސް ކޮޑާލީއާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ ކަޝްމީރުގައި އިންޑިޔާއިން އިންޓަނެޓްގެ ޚިދުމަތް އެހާވަރަށް ކަނޑާލަމުން ދަނީ ސަރުކާރުގައި އެބާރު އޮތުމާއެކީ އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ކަޝްމީރުގެ ރައްޔިތުން ކޮންޓްރޯލް ކުރުމުގެ މަޤްޞަދުގައި ކަމަށެވެ. އަދި ސަރުކާރުން އެދޭ ގޮތަށް ރައްޔުތުން ބޯނުލަނބާހައި ހިނދަކު އާއްމު ދުނިޔޭގެ ބައެއްގެ ގޮތުގައި އުޅުމުގެ ހުއްދަ ރައްޔިތުންނަށް ދެވެން ނެތްކަން ދެއްކުމުގެ ގޮތުން ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުން އިންޓަނެޓް ކަނޑާލުމަކީ އިޤްތިޞާދީ ގޮތުން ވެސް އެޅޭ ދަތިކުރުމުގެ ފިޔަވަޅެއް ކަމަށެވެ. އެގޮތުން ކަޝްމީރުގެ އާއްމު ރައްޔިތުން އިންޓަނެޓް މެދުވެރިކޮށް ކުރަމުން އަންނަ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަން އޭނާ ފާހަގަކުރިއެވެ.

އިންޑިޔާއާއެކު އެންމެ ގިނަ ފަހަރު އިންޓަނެޓް ކަނޑާލި ގައުމުތަކުގެ ތެރޭގައި ޔުކްރެއިން، އީރާން، މިޔަންމާ އަދި ބަންގްލަދޭޝް ހިމެނެއެވެ. ނަމަވެސް އިންޑިޔާއާ އަޅައިބަލާއިރު މިގައުމުތަކުން އިންޓަނެޓް ކަނޑާލި އަދަދު ވަރަށް މަދެވެ.



ކިޔުންތެރިންގެ ހިޔާލު