ރާއްޖެއިން ބޭރުގެ ކުންފުނި ތަކަށް ވަގު ޓީޓީ ފޮނުވައިގެން މުދާ އެތެރެކުރާ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގެ ކުންފުނިތަކުން ދިވެހިރާއްޖެއަށް މުދާ އެތެރެކޮށް އެ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އެފަރާތްތަކަށް ސައްޙަ ނޫން ޓެލެގްރަފިކް ޓްރާންސްފަރ (ޓީ.ޓީ) ފޮނުވައި، މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް، އެމުދާ ރާއްޖޭގައި ވިއްކާ މަންފާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން ހާމަކޮށްފައެެއް ނުވެއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މާލޭގައި އެމީހާ ދިރިއުޅެމުންދާ ތަން ބަލައިފާސްކޮށްފައިވާ ކަމަށެވެ. އޭނާ ދިރިއުޅެމުންދާ ތަނުން މައްސަލަ އާއި ގުޅުން ހުރި އެއްވެސް އެއްޗެއް ފެނުނުކަން ނުވަތަ ނޫންކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މިމައްސަލަ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ތަޙްޤީޤްކުރަމުންދާ ކަމަށެވެ.

ސްކޭމް ހިންގައި މަކަރާއި ހީލަތް ހަދައިގެން ރާއްޖޭގެ ފިހާރަތަކަށް ފޭކް ސްލިޕް ފޮނުވައިގެން ވައްކަން ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެެވެ. ނަމަވެސް ބޭރުގެ ކުންފުނިތަކަށް މަކަރާއި ހީލަތުން ޓީޓީ ފޮނުވައިގެން ދިވެއްސަކު މުދާ ގެނެސް، އެތަކެތި ވިއްކި މައްސަލައެއްގައި މީހަކު ހައްޔަރުކުރި މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު