ސަރުކާރުގައި އެމްޑީޕީގެ ހިއްސާ ބޮޑުވާ ނަމަ، ރިޔާސީ އިންތިޚާބުގައި އެހެން ޕާޓިއެއްގެ ފަހަތަށް އެރުން މާ ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ވެރިކަން ހޯދައިދިނުމަށްވުރެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެރިކަން ހޯދައިދިނުން ޕާޓީގެ ރައީސް، ނަޝީދަށް މާ ރަނގަޅުކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެ މަޖިލީހުގައި ދެއްކެވި ވާހަކަ އަކާއި ގުޅިގެންނެވެ. އަނދުން ހުސެއިންގެ ވާހަކައާއި ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރުގައި މިހާރު އޮތް ހިއްސާއަށް ވުރެ ބޮޑު ހިއްސާއެއް ލިބޭނަމަ އެމްޑީޕިއަށް ރަނގަޅުވާނެ ކަމަށެވެ.

"މިވަގުތު އެމްޑީޕީއަށް ލިބިފައި އޮތީ 40 ޕަސެންޓު ސަރުކާރުގެ، އެއަށް ވުރެ އިތުރު މިންވަރެއް ލިބޭ ކަމަށް ވަންޏާ އެއީ ޕާޓީއަށް ރަނގަޅު ގޮތް ކަމަށް ލަފާ ކުރެވިދާނެ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވީ ދޫކޮށްލަން ޖެހޭ އެއްޗެއް ދޫކޮށްލައި އެހެން ޕާޓީތަކާއިއެކު ސަރުކާރެއް ގާއިމު ކުރެވިދާނެކަމަށެެވެ. އެހެންނަމަވެސް މިހާރު އޮތް ސަރުކާރުގައި އެމްޑީޕީގެ 40 އިންސައްތަ ހިއްސާ އޮންނަކަމަށް ވާނަމަ، މިހާރަށްވުރެ ރަނގަޅު ހިއްސާ އަކާއިއެކު އެމްޑިޕީއަށް ވެރިކަން ލިބި، އެމްޑީޕީގެ ސިޔާސަތުތައް ހިފެހެއްޓޭނެ ސަރުކާރެއް މާ މުހިންމުކަަމަށް ހަސަން ވިދާޅުވިއެވެ.

މީގެއިތުރުން އެހެން ޕާޓީއެއްގެ ބޭފުޅަކު ރައީސްގެ މަގާމަށް ގެނެސް އެމްޑީޕީ ރަނިންގް މޭޓެއްގެ މަގާމު ނެގުމާއިމެދުގައި އެމްޑީޕީގެ މެމްބަރުން ވިސްނާވަޑައިގެންނެވުން ރަނގަޅު ކަމް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ހިއްސާ އޮންނަ ސަރުކާރެއް އުފައްދައި ބަސްބުނެވޭނެ މާހައުލެއް ގާއިމުކޮށް އެމްޑީޕީގެ ވިސްނުންވެސް ބަލައިގަންނާނެ ސަރުކާރެއް އުފެއްދުމާއިމެދު ވިސްނާ ވަޑައިގަތުން ރަނގަޅުކަމަށް ހަސަން ވިދާޅުވިއެވެ.

"ކޯލިޝަން ނަހަދައި އެމްޑީޕީއަށް ސަރުކާރަކަަށް އާދެވޭކަން ނެތް، އެހެން ނަމަވެސް އެހެން ޕާޓީތަކާއިއެކު އަޅުގަނޑުމެން ދޫކޮށްލަން ޖެހޭ އެއްޗެއް ދޫކޮށްލައިގެން ވިޔަސް އެމްޑީޕީގެ ސަރުކާރެއް މިހާރު އޮތް ސަރުކާރުގެ 40 ޕަސެންޓް އޮތްއިރު އެއަށްވުރެ ރަނގަޅު ޕަސެންޓޭޖަކާއި އެކީގައި އެމްޑީޕީއަށް ސަރުކާރަށް އާދެވިފައި އެމްޑީޕީގެ ސިޔާސަތުތަކާއި އަސާސްތަކާއި އުސޫލުތައް ހިފެހެއްޓޭނެ ސަރުކާރެއް އުފެއްދުން އެއީ މާ މުހިންމު ކަމެއް. އަޅުގަނޑުމެންގެ ނަމެއްގައި ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމުގައި މީހަކު ހުރުމަށްވުރެ،" ހަސަން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު