އެމްޑީޕީން ކޯލިޝަން ހެދޭތޯ އުޅެންވީ ޖުމުހޫރީ ޕާޓީއާއެކު ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރިޔާސީ އިންތިޚާބަށްޓަކައި ބައެއް ޕާޓީތަކާއިއެކު ކޯލިޝަން ހަދަމުންދާ މި ދަނޑިވަޅުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވީ، އެމްޑީޕީން ކުދި ބައެއް ޕާޓީތަކާއި ކޯލިޝަން ހެދުމަށް ވުރެ، ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއާ އެކީ ކޯލިޝަން ހެދުން މާ ރަނގަޅު ކަމަށެވެ. ޝަރީފް ވިދާޅުވީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫންގެ އެމްއާރްއެމާ އެކީ އެމްޑީޕީން ކޯލިޝަން ނެހެދިޔަސް ވާނެ ގެއްލުމެއް ނެތް ކަމަށެވެ.



އެގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދު ކަމަށްވާ 3،000 މެމްބަރުން ވެސް ހަމަނުވާ އެމްއާރްއެމަށް މިހާރު ވެސް ސަރުކާރުން އެ ޕާޓީގެ ސައިޒަށް ވުރެ މާ ބޮޑަށް ހިއްސާ ދީފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެމްޑީޕީއާ އެކީ ކޯލިޝަން ހަދައިގެން ފައިދާއެއް އޮތީ އެމްއާރްއެމަށް ކަމަށާއި އެމްޑީޕީއަށް ނޫން ކަމަށެވެ.

"ޖޭޕީއާ އެކީ ކޯލިޝަން ހެދޭތޯ އެކަން ވާނެ ފުރުސަތެއް އޮތިއްޔާ އުޅެން ވެސް މާ ރަނގަޅު." އާ ގާނޫނު އަސާސީގެ ދަށުން ވެރިކަމަށް އައި ހުރިހާ ސަރުކާރެއް ވެރިކަމަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ޖުމުހޫރީ ޕާޓީއަށް އިޝާރަތް ކުރަށްވައި ޝަރީފް ވިދާޅުވިއެވެ.

މިހާތަނަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައިވަނީ އަދާލަތު ޕާޓީންނާއި ސަން ސިޔާމްގެ އެމްޑީއޭ އިންނެެވެ.



ކިޔުންތެރިންގެ ހިޔާލު