ސަރުކާރުން އަބަދުވެސް ވިސްނަނީ ރައްޔިތުންނަށް އޯގާތެރިކަމާއެކު އުފާވެރިކަން ގެނެސްދެވޭނެ ގޮތްހޯދަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިހެން ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭން އިމާރާތްކުރި 'މަލަސް ރެސިޑެންސް' އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ފްލެޓުތައް ރަސްމީކޮށް ހަވާލުކުރުމަށް މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީވެސް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރެވެ.

ފްލެޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސަމީރު ވިދާޅުވީ ސަރުކާރުން އަބަދުވެސް ވިސްނަމުންދަނީ ރައްޔިތުންނަށް އޯގާތެރިކަމާއެކު އުފާވެރިކަން ގެނެސްދެވޭނެ ގޮތްތައް ހޯދައިދިނުމަށްކަމަށެވެ.

ސަމީރު ވިދާޅުވީ ކޮންމެ ރައްޔިތަކަށްވެސް އެންމެ އުފާވެރި ވަގުތަކަށް ވަނީ ދިރިއުޅެވޭނެ ބޯހިޔާވަހިކަން ފުރިހަމަވެގެންދާ ވަގުތުކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ސަމީރު ފާހަގަކުރެއްވިއެވެ.



ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި 5000 ފްލެޓް އިމާާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މާލެ ސަރަހައްދުން ގޯތި ދިނުމުގެ މަސައްކަތް ފަށަންވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ސަރުކާރުން ދަނީ ހިންގަމުންނެވެ. އަދި ބައެއް ސަރަހައްދުތަކުގައި ގޯތި ދިނުމަށް ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްދާކަންވެސް ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު