އަހުމަދު މަސްނޫމް   28 ފެބްރުއަރީ 2023 - 16:40
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީއަށް ފުލުހުން ޙާޒިރުކުރުމަށް ނިންމައިފިއެވެ.

ފުލުހުން ހާޒިރުކުރަނީ ވީނުވީއެއް ނޭނގި މީހުން ގެއްލޭ މައްސަލަތަކާއި ގުޅޭގޮތުން އެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ. މި މައްސަލަ އެކޮމިޓީއަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި 241 ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، އާދަމް ޝަރީފް ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވީ ކޮމިޓީން މައްސަލަ ބަލަމުންދަނިކޮށްކަމަށެވެ. އެހެންކަމުން އެ ދެ މައްސަލަވެސް އެކުގައި ކުރިއަށް ގެންދިއުމަށް ކޮމިޓީން ނިންމާފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރުން ޙުސައިން ޝަހީމް ވަނީ މިމައްސަލައާ ގުޅިގެން ފުލުހުން ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅާފައެވެ. އަދި ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުން ވަނީ އެ ހުށައެޅުން ފާސްވެފައެެވެ.

މި މައްސަލަތައް ކޮމިޓީއަށް ހުށަހެޅީ އއ. މަތިވެރި، ހަސަން އަލީ، ހަސަންފުޅުބެއާއި، ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު ގެއްލުމުންނެވެ. އޭގެތެރެއިން އާސިރު މިހާރު ފެނިފައިވީނަމަވެސް އޭނާ ގެއްލުނު ހާދިސާއާ ގުލިގެން ސުވާލު އުފެދޭ ކަންކަން ހުރިކަމަށް މެމްބަރުން ފާހަަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު