1444 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 1444 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަދި ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާ ބެހޭގޮތުން 18 މޭ 2022 ގައި ގެޒެޓް ކޮށްފައިވާ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ، އެ އުސޫލުގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށްކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޕްރޮޕޯޒަލްފޮތާއި، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު ކަރުދާސް 28 ފެބްރުއަރީ 2023 އިން ފެށިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ. އަދި މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިންގ އޮންނާނީ 02 މާރިޗު 2023 (ބުރާސްފަތި) ދުވަހުގެ 10:00 ގައި މިނިސްޓްރީގައެވެ.

ޕްރޮޕޯޒަލް ހުށަހަޅާ ކުންފުނިތަކުން 13 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ 7 ވަނަ މާއްދާގެ (ހ) ގައި ވާ ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކަންޖެހޭނެއެވެ. އަދި 1 މާރިޗު 2023 ވަނަ ދުވަހުން ފެށިގެން 13 މާރިޗު 2023 އަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން ފެށިގެން 12:00 އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކައުންޓަރުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ބަލައިގަންނާނެއެވެ.

ޕްރޮޕޯޒަލް ހުށަހެޅުމުގެ ފީއަކީ 10,000 (ދިހަހާސް) ރުފިޔާއެވެ.

ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 14 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި، ޕްރޮޕޯޒަލް ހުށަހަޅާ ބޭފުޅުންގެ ހާޒިރުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައެވެ.

ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ޕްރޮޕޯޒަލް ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވާއިރު ޕްރޮޕޯޒަލް ހުށަހެޅޭނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކާފައިވާ ކުންފުނިތަކަށް އެކަންޏެވެ.



ކިޔުންތެރިންގެ ހިޔާލު