އަހުމަދު މަސްނޫމް   27 ފެބްރުއަރީ 2023 - 21:4
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ނޭޝަނަލް ޖޮބް ސެންޓަރ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ނޭޝަނަލް ޖޮބް ސެންޓަރ ޤާއިމުކުރެއްވީ، ރާއްޖޭގައި ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ގުޅުވައިދިނުމަށާއި، މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެންހުރި މަސައްކަތްތަކާއި، އަދާކުރެވިދާނެ ވަޒީފާތައް ޚިޔާރުކުރުމަށް ލަފަޔާއި އިރުޝާދު ދިނުމަށާއި، ވަޒީފާގެ ބާޒާރާ ގުޅުންހުރި ދިރާސާކޮށް އެ ދިރާސާތަކުން ހޯދޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި، ވަޒީފާއާ ގުޅުންހުރި ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރެއްވުމަށެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް ޖޮބްސެންޓަރަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 490 ކަމުގައި ވެސް ވަނީ ހަމަޖައްސަވާފައެވެ.

ނޭޝަނަލް ޖޮބްސެންޓަރު އުފެއްދެވިކަން އިޢުލާންކުރައްވާ ނެރުއްވި ދެންނެވުމުގައި މި އިދާރާގެ ބޭނުމާއި މަސައްކަތްތައް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު