މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމުން 3،000 މެމްބަރުން ހަމަކުރަން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމުތަކެއް ހުށަހަޅައިފި އެވެ.

އެމްއާރުއެމްގެ ރެޖިސްޓްރާ ފާތިމަތު ޝަހީދާ މިއަދު ވިދާޅުވީ ގާނޫނުގައި ކަނޑައަޅާފައިވާ އަދަދު ކަމަށްވާ 3،000 މެމްބަރުން ހަމަކޮށް އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައިވާ ކަމަށެވެ.

 

އިލެކްޝަން ކޮމިޝަނުން ބުނީ މިމަހު 21 ގައި އެމްއާރުއެމްގައި ތިބީ 2،981 މެމްބަރުން ކަމަށެވެ. ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީ، ޕާޓީ އުވައިލާނެކަމުގެ ނޯޓިސް މިދިޔަ ބުދަދުވަހު އެމްއާރުއެމަށް ވަނީ ދީފައެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އެމްއާރުއެމުން ހުށައެޅި 28 ފޯމު ލިބިފައިވާ ކަމަށެވެ. ޕާޓީތަކުގެ މެމްބަރުންގެ އަދަދު އާންމުކުރި ފަހުން ވެސް އެމްއާރުއެމްގެ މެމްބަރުން މަދުވެފައިވާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

ގާނޫނުގައި ބުނާ 3،000 މީހުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން މިިދިޔަ އަހަރުގެ މާޗު މަހު ވެސް ތިން މަހުގެ ނޯޓިހެއް، އެމްއާރުއެމަށް ދީފައިވެއެވެ. އެމުއްދަތުގެ ތެރޭގައި އެޕާޓީން ވަނީ 3000 މެމްބަރުން ހަމަކޮށް އަލުން ގާނޫނީ ހައިސިއްޔަތު ހޯދާފައެވެ.

އެމްއާރުއެމަކީ މިސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ކުރީގެ ރަަައީސް، އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި ޕާޓީއެކެެވެ.



ކިޔުންތެރިންގެ ހިޔާލު