ކޮވިޑު19 ގެ ތެރޭގައި ހެލްތު މިނިސްޓްރީން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ނުލިބިވާ މައްސަލާގައި އެކަން ހަވާލުކުރި ދުބާއީގެ ކުންފުންޏާ ދެކޮޅަށް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ދިވެހި ސަރުކާރުން މައްސަލަ ހުށައަޅައިފި އެވެ.

ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ސަރުކާރުން ހަވާލުކޮށްފައިވަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާއެވެ. އެ ވެންޓިލޭޓަރުތަށް ގަންނަން ސަރުކާރުން ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށެވެ. ސަރުކާރުން ވަނީ ވެންޓިލޭޓަރުތައް ގެނައުމަށް އެޑްވާންސަށް 30.9 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައެވެ.

75 ވެންޓިލޭޓަރު ގެނައުމަށް އެގްޒެކިއުޓާސްއާ ހަވާލުކުރުމުން މިހާތަނަށް ރާއްޖެއަށް ލިބިފައިވަނީ އެންމެ 10 ވެންޓިލޭޓަރެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އޭޕްރީލް 2، 2020 ގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަރާތުން ހިލާފުވެފައިވާތީ އެ މައްސަލަ މި މަހުގެ 16 ވަނަ ދުވަހު އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުން ހުށައެޅި މި މައްސަލާގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ފަރާތުން ފޯރުކޮށްދީފައިވާނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާ އާއި ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު 32،547،750 ދިވެހި ރުފިޔާއަށްވާ 2،112،500 އެމެރިކާ ޑޮލަރުގެ އިތުރުން އިންޓެރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް އެދިފައިވާ ކަމަށެވެ.

އާބިޓްރޭޝަނަށް ހުށައަޅާފައިވާ މައްސަލައާ ގުޅޭ ކަންކަމުގެ ސިއްރު ހިފެހެއްޓުމަށް ސަރުކާރުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު