ސޮވެރިންގ ފަންޑު ހިންގުމުގައި ރައީސުލްޖުމްހުރިއްޔާއަށް ލިބޭ ބާރުތައް ފިނޭންސް މިނިސްޓަރަށްވެސް ލިބޭގޮތަށް މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންެގެ މަޖިލީހުން ފާސްކޮށްފިއެވެ.

ދައުލަތުގެ މާލީއްޔަތު ޤާނޫނަށް މި އިސްލާހު ހުށައަޅާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒްއެވެ.

މިއަދުގެ ޖަލްސާގައި މި އިޞްލާހު ފާސްވީ 44 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ސޮވެރިން ފަންޑުގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގައި ކަސްޓޯޑިއަން އެކައުންޓެއް ޤާއިމުކޮށް ބަލަހައްޓަންޖެހޭނެއެވެ. ނަމަވެސް، ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރުމާއި އެފަންޑުން ޚަރަދުކުރާނެ ގޮތް ނިންމާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއެވެ. މިއާއިއެކު ސޮވެރިން ފަންޑަކީ ދައުލަތުގެ މާލިއްޔަތު ޤާނޫނުގައިވާ ވަކި އުސޫލުތަކެއްގެ ދަށުން ބަލަހައްޓަންޖެހޭ ފަންޑެއްގެ ގޮތުގައި ހަމަޖެހި، ސޮވެރިން ފަންޑުގެ ފައިސާ ބަލަހައްޓަން އެމްއެމްއޭގައި ވަކި އެކައުންޓެއް ހުޅުވަންޖެހޭކަމަށް މި އިޞްލާހުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ސޮވަރިން ފަންޑުން އިންވެސްޓް ކުރާނެ ގޮތްތައް ނިންމުމަށް 5 މެމްބަރުންގެ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންޖެހެއެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ތަރައްގީގެ މަޝްރޫއުތަކަށް އިންވެސްޓްކުރަން ސަރުކާރުން ނަގާ ލޯނުތަކުގެ ބުރަ ފަހުގެ ޖީލުތަކަށް އުފުލަން ނުޖެހޭނެހެން، ފަހަށް ފައިސާ ރައްކާކުރުމަށް އެކުލަވާލާފައިވާ ފަންޑެކެވެ.



ކިޔުންތެރިންގެ ހިޔާލު