ލ. މުންޑޫ، ނޫވިލު, އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގައި ދައުވާކުރި މީހުންގެ ތެރެެއިން އެކަކުގެ މައްޗަށް މަރުގެ އަދަބު، އަދި އަނެކަކުގެ މައްޗަށް އުމުރުދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

އުމުރުން 29 އަހަރުގެ ޒިޔަދަމް މަރުވެފައިވަނީ، 2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު ވަޅިއަކުން އޭނާއަށް ދިން ހަމަލާގެ ސަބަބުންނެވެ.

އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން 24 އާއި ހަމައެރަށު ބީޗުވިލާ އަލީ ސިފާމް 29 ގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކުށްސާބިތުވާކަމަށް މީގެކުރިން ވަނީ ހުކުމްކޮށްފައެވެ. އަދި އޭނާގެ ވާރިސުން ވަނީ މަރަށް މަރުގެ އަދަބު ބޭނުންވާކަމަށްވެސް ކޯޓުގައި ބުނެފައެވެ.

އަދަބު ކަނޑައެޅުމަށް މިއަދު ބޭއްވި އަޑު އެހުމުގައި ވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫނަށް މަރުގެ އަދަބު ދޭން ހުކުމްކޮށްފައެވެ. އަދި މި މައްސަލައިގައި ދައުވާ ލިބޭ އެރަށު ބީޗްވިލާ، އަލީ ސިފާމްގެ މައްޗަށް ޒިޔަދަމް މަރައިލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައި ވާތީ 25 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލާގައި ދަޢުވާ އުފުލާފައިވާ މީހުންނަށް ކުށް ސާބިތުވާކަމަށް ކަނޑައެޅި އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާއިލް ޝަފީއު ވިދާޅުވީ، މި ޙާދިސާ ހިނގިރޭ އެމީހުން އެއްކޮށް ތިބީ ބަނގުރާ ބޯން ކަމަށާއި، ހަމަނުޖެހުން އުފެދެން މެދުވެރިވީ ޒިޔަދަމް، ސިފާމްގެ ކޮއްކޮއާ ބެހޭގޮތުން ދެއްކި ވާހަކައަކާއި ގުޅިގެން ކަމަށެވެ. އެޒުވާބުގެ ތެރޭގައި ޒިޔަދަމްއާއި ސިފާމްއާ ދެމެދު މާރާމާރީ ހިނގަން ފެށުމުން، ޝަނޫންވެސް އައިސް ހަމަނުޖެހުން ހިންގައި، ތިލައިގައި 8 އިންޗި ހުންނަ ވަޅިއެއް ޒިޔަދަމްގެ ބުރަކައްޓާއި ފަޔަށް ހަރާފައިވާކަން ޤާޟީ ފާހަގަކޮށްފައިވެއެވެ.

ޒިޔަދަމްގެ މަރާ ގުޅިގެން ބޭއްވި ފުރަތަމަ އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވަމުން ބުނެފައި ވަނީ 2015 މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައިދަނިކޮށް، ޝަނޫނާއި ސިފާމް އޭނާގެ ފަލަމަސްގަނޑަށް 8 އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ. އަދި އެހަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައި ދަނިކޮށް އެދެމީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާ ވެސް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ޒިޔަދަމްގެ މަރާގުޅިގެން ޝަނޫނާއި ސިފާމްގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. މަރުގެ ދައުވާގެ އިތުރުން އެ ދެ މީހުންގެ ތެރެއިން ޝަނޫންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ބިރުދެއްކުމުގެ ދައުވާ އާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

ބިރުދެއްކުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ ހަމަ އެރޭ މުންޑޫ ހެލްތް ޕޯސްޓް ކައިރިން އެރަށު މުހައްމަދު ނިޒާރަށް ބިރުދައްކާފައިވާތީ އެވެ. އަދި މާރާމާރީ ހިންގުމުގެ ދައުވާ ޝަނޫންގެ މައްޗަށް އުފުލާފައި ވަނީ މަރުވެފައިވާ ޒިޔަދަމްގެ ހަށިގަނޑު ހެލްތް ޕޯސްޓަށް ގެންދިޔުމަށް އެރަށު އަބްދުﷲ ޝިފާއު އޭނާގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުއްޓައި އޭނާއަށް ހަމަލާދީފައިވާތީއެވެ.



ކިޔުންތެރިންގެ ހިޔާލު