މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ކޯލިޝަން ހައްދަވައިގެން ހައްދަވާ "ޑީލް" ތައް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ އުދާސް މނަމުގައި އެމްއެންޕީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރައީސް ސާލިޙުގެ ހަތަރު އަހަރު ތެރޭގައި ފެނުނީ އެކި ފަރާތްތަކާއި ޑީލް ހައްދަވަމުން ގެންދެވި މަންޒަރު ކަމަށެވެ. އެގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޕާޓީތަކާއިއެކު ރައީސް ކޯލިޝަން ހައްދަވާއިރު ހަދާ ޑީލްތައް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ރައީސް ސާލިޙު ހުރިހާ ބާރުތަކެއް އެެއްކުރަށްވައި ޑީލް ހައްދަވަމުން ގެންދަވާތީ އެކަމާ މެދު ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން އެބަ ބޭނުންވޭ ވަރަށް ސާފުކޮށް ތި ހައްދަވަން އުޅުއްވާ ޑީލްތައް އެނގެން. ޖޫރިމަނާ މައާފް ކޮށްދެއްވީތޯ، ފަޅު ރަށެއް ދެއްވީތޯ، އެގްރިމެންޓަކަށް ބަދަލު ގެންނެވީތޯ، އަދި ކޯޓެއްގައި އޮތް މައްސަލަ އަކަށް ލުޔެއް ދެއްވީތޯ، ނުވަތަ ބޭންކުތަކަކުން ލޯނެއް ދެއްވީތޯ، މިހުރިހާ ކަމެއް ހަގީގަތުގައި އަޅުގަނޑުމެން ބަލަން އެބަޖެހޭ." ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ކޯލިޝަން ހެދުމަކީ ގާނޫނު އަސާސީއާއި ގާނޫނުތަށް ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ. ޝަރީފް ވަނީ ރައީސް ސާލިޙު އާ ދައުރަކަށް ވާދަކުރެއްވުމުގެ ކުރިން އެމަނިކުފާނުގެ ސަރުކާރު އޮޑިޓް ކުރުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑަށް ހީވަނީ އެއީ ވަރަށް މުހިންމު ކަމެއް ހެން. އެއީ މުޅި ދައުލަތް ކޮންޓްރޯލް ކުރަށްވާ ވާހަކަ ވެސް އެމަނިކުފާނު (ރައީސް ސާލިޙު) ވިދާޅުވެއްޖެ، އެހެންވެއްޖެއްޔާ ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު އަޅުގަނޑުމެން އެބަ ބޭނުންވޭ ސާފު ކެންޑިޑޭޓެއްތޯ ބަލަން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައީސް ސާލިހު ވެރިކަމަށް ގެނަައުމަށް އެމްޑީޕީ އާއި ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީ އާއި ސަން ސިޔާމްގެ އެމްޑީއޭއިން ދާދިފަހުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު