ތ. ބުރުނީގައި ރުކަކުން ޖެހި މަރުވި މީހާގެ ހަށިގަނޑާއި އެހާދިސާގައި އަނިޔާ ލިބުނު ތިން މީހުންވެސް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ބުރުނީގައި ރުކެއް ވައްޓާލައި އެރުއް ފުރޮޅަން އުޅުމުގެ ތެރެއިން 4 މީހަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު މިއަދު 4:44 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވި 4 މީހުންނަށް ބުރުނީ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ. އެގޮތުން މަރުވެފައިވަނީ އިންޑިޔާގެ ރައްޔިތެކެެވެ. އެހާދިސާގައި ދެން އަނިޔާވެފައިވަނީ އިންޑިޔާ ރައްޔިތަކާއި ބަންގުލަދޭޝް މީހަކަށެވެ.

އެކްސްކަވޭޓަރަކުން ރުއްތަކެއް ނެގުމުގެ މަސައްކަތް ކުރަނިކޮށް، ރުކަކުން ޖެހި ހިނގި އެ ހާދިސާ ހިނގާފައި ވަނީ ގެއެއްގެ ރުއްތަކެއް ނަގައި އެ ރުއްތައް އެއް ކައިރިއަކަށް ޖެއްސުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރުކެއް ކަހާލަައިގެން ގޮސް ޖެހިގެންނެވެ. މިހާދިސާގަައި އަނިޔާވެފަަަައިވަނީ އެމަސައްކަތުގައި އުޅުނު ބިދޭސީންތަކަކަށެވެ.

ފުލުހުން ބުނީ މިހާދިސާގައި ފަރުވާދެމުންދާ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން ކަމަށް ފުލުހުން ބުނެއެވެ.



އެމްޓީސީސީއިން ބުނީ އެމީހުންނަކީ ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށް އެ ރަށަށް ގޮސްފައިވާ ބިދޭސީ މުވައްޒަފުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު