ކޮވިޑު19 ގެ ތެރޭގައި ހެލްތު މިނިސްޓްރީން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ކުރުމަށް އޭސީސީން ފޮނުވާފައިވާ މީހުންގެ މައްސަލައަށް އަދިވެސް ގޮތެއް ނިންމާފައި ނުވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ, އެ މައްސަލައިގައި ގޮތެއް ނިންމުން ލަސްވެފައިވާކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދި މި ހަފްތާތެރޭ އެކަމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

ދުބާއީގެ ކުންފުންޏަކާއި ހަވާލު ކޮށްގެން ވެންޓިލޭޓަރުތަކެއް ގަތުމަށް ކުރި މުއާމަލާތުގައި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާތީ އެކަމުގައި ޝާމިލުވިކަމަށް ބުނާ 3 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި އޭސީސީންވަނީ އެކިފަހަރުމަތިން ޕީޖީއަށް ފޮނުވާފައެވެ.

ނަމަވެސް, ފުރިހަމަ ތަހުގީގެއް އެކަމުގައި ހިންގިފައި ނެތްކަމަށް ބުނެ ކޮންމެ ފަހަރަކުވެސް މައްސަލަ ޕީޖީން އަނބުރާ ފޮނުވާލަނީއެވެ.

އެންމެފަހުން މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 20 ވަނަ ދުވަހުވަނީ ހެލްތު މިނިސްޓްރީގައި ކުރިން މަސައްކަތްކުރި 3 މީހަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައެވެ.

މި މައްސަލައިގައި ދައުވާ ކޮށްދޭންއެދި ފޮނުވާފައިވަނީ, ކުރީގެ ނައިބު މިނިސްޓަރު ސ. ފޭދޫ ޕިންކް ހައުސް، ޝިޔާމާ މުހައްމަދު, މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު، ތ. ކިނބިދޫ ބޯގަންވިލާ، އަހްމަދު އަސްލަމް, އަދި މިނިސްޓްރީގެ ކުރީގެ ލީގަލް އޮފިސަރު، ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށެވެ.

ވެންޓިލޭޓަރުގެ މައްސަލައަކީ މި ސަރުކާރުގައި ހިނގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް މި މައްސަލަ ބަލާ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދައިދެވިފައި ނުވުމަކީ މި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވާ ކަމެއްކަން ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު