ގޭންގު މާރާމާރީތައް ހުއްޓުވުމަށް ފުލުހުންގެ ޚާއްޞަ ޑިޕާޓްމެންޓެއް އުފައްދައި މަސައްކަތްކުރަމުން އަންނަކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މާލޭގައި ހިންގަމުން އަންނަ މާރާމާރީތަކަކީ މިދިޔަ ޖެނުއަރީމަހުގެ 16 އިން ފެށިގެން ސިލްސިލާކޮށް ހިންގަމުން އަންނަ މާރާމާރިތަކެއްކަމަށެވެ.

ކޮމިޝަނަރ ވިދާޅުވީ ގޭންގުތަކުން މާރާމާރީތައް ހިންގަނީ، ހެލްމެޓު އެޅުން ލާޒިމް ނޫންތަންތަނުގައި ހެލްމެޓު އަޅައި މޫނު ނިވާކޮށްގެންކަން ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން ހެލްމެޓު އެޅުން ލާޒިމް ނޫންތަންތަނުގައި ހެލްމެޓު އަޅައިގެން އުޅޭ މީހުން ހުއްޓުވައި ފުލުހުން ފޮޓޯ ނަގަައި ސުވާލުކުރަމުން ދާނެކަމަށް ސީޕީ ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ ގޭންގު މާރާމާރީތައް ހުއްޓުވުމަށް ފުލުހުންގެ ޚާއްޞަ ޑިޕާޓްމެންޓެއް އުފައްދާފައިވާކަމަށެވެ. އެގޮތުން ހައިވިޒިބިލިޓީ ޕޮލިސިން ޑިޕާޓްމަންޓްގެ ނަމުގައި ޚާއްޞާ ޑިޕާޓްމަންޓެއް މާރާމާރިތައް ހުއްޓުވުމަށް މަސައްކަތްކުރާކަމަށް ޙަމީދު ވިދާޅުވިއެވެ.

އެ ޑިޕާޓްމަންޓުން މަގުތަކުގައި ހެލްމެޓު އަޅައިގެން އުޅޭ މީހުން ހުއްޓުވައި ފޮޓޯ ނަގާނެކަމަށާއި އަދި އިތުރު ފިޔަވަޅުތަކެއްވެސް އަޅާނެކަމަށް ހަމީދު ވިދާޅުވިއެވެ. އަދި ގޭންގުތައް ހުއްޓުވަން ކުރާ މަސައްކަތްތައް އިތުރުކުރާނެކަމަށާއި އެކަމަށްވެސް ޚާއްޞަކޮށްގެން ފުލުހުންގެ ވަރުގަދަ ޓީމެއް ހަރަކާތްތެރިވަމުންދާކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ފާއިތުވި ދުވަސްތަކުގައި މާލޭގައި އެކި ކަހަލަ ކުށްތަކަށް އަރައިގަތުން ވަނީ އިތުރުވެފައެވެ. އަދި އެކަމާއި ގުޅިގެން އާއްމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު