ހެލްމެޓް އެޅުން ލާޒިމް ނޫން ތަންތަނުގައި ހެލްމެޓް އަޅައިގެން އުޅޭނަމަ ބަލާ ފާސްކުރާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައި މިވަނީ މާލޭގައި ވޭތުވެދިޔަ ދުވަސްތަކުގައި ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ތިބި ބަޔަކު ތަންތަނަށް ގެއްލުން ދީ، ތޫނު އެއްޗެހިން މީހުންނަށް ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހެލްމެޓް އެޅުން ޤާނޫނުތަކުން ލާޒިމްކޮށްފައިނުވާ ސަރަހައްދުތަކުގައި، ކާކުކަން ވަންހަނާކޮށް ކުށްކުަށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަން ފާހަގަކުރެވިފައިވާކަމަށެވެ.

ފުލުހުން ބުނީ ގަވާއިދުގެ ދަށުން A0 އަދި A1 ގިންތީގެ އުޅަނދު ދުއްވާއިރު އުޅަނދު ދުއްވަން އިންނަ މީހާއާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމުކޮށްފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައިކަމަށެވެ.

އެހެންކަމުން ހެލްމެޓް އެޅުން ލާޒިމްކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ، ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރަމުން ގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިއީ އެންމެގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުކޮށް އަމާން ވެއްޓެއް ޤާއިމްކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު