އަހުމަދު މަސްނޫމް   26 ފެބްރުއަރީ 2023 - 10:34
މިއަހަރުގެ މިހާތަނަށް ދައުލަތަށް 4.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 4.7 ބިލިއަން ރުފިޔާ ހަރަދުތަކަށް ހިނގާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފެބްރުއަރީމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވަނީ 4.6 ބިލިއަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 3.9 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 720 މިލިއަން ރުފިޔާއެވެ. އަދި އެހީގެ ގޮތުގައި ލިބިފައިވަނީ 6.8 މިލިއަން ރުފިޔާއެވެ.

ޓެކްސް އާމްދަނީގެ ތަފްސީލަށް ބަލާލާއިރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 401 މިލިއަން ރުފިޔާ، ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިިޔާ، ޖީއެސްޓީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 109 މިލިއަން ރުފިޔާ އަދި އޭޑީސީގެ ގޮތުގައި 109 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ދައުލަތުގެ ހަރަދުތަކަށް 4.7 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދަށް 3.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 1.2 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ހަރަދުތަކުގެ ތަފްސީލަށް ބަލާލާއިރު މުސާރައާއި އިނާޔަތް ދިނުމަށް 942 މިލިއަން ރުފިޔާ، އަދި އިދާރީ ހިންގުމަށް 2.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު