ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފިނަމަ އެމްޑީޕީއާއެކު އެ ޕާޓީން ހަދާފައިވާ ކޯލިޝަން ނިމުމަކަށް އަންނާނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ރިޔާސީ ކެނޑިޑޭޓެއް ނެރުަމަށް ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސުން ނިންމުމާއި ގުޅިގެނެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި އަބަދުވެސް އޮންނާނީ މައި ދެ ޕާޓީކަމަށެވެ. އެއީ ވެރިކަންކުރާ ޕާޓީއާއި އިދިކޮޅު މައި ޕާޓީކަމަށެވެ. އަދި ދެން ތިބޭނީ އެ ދެ ޕާޓީގެ ބައިވެރިންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޖުމްހޫރީ ޕާޓީވެސް ކޯލިޝަނުން ވަކިވެއްޖެނަމަ އެ ޕާޓީވެސް ވެގެންދާނީ އިދިކޮޅު ޕާޓީއަކަށް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓަކު ނެރެން ނިންމާ ހިސާބުން މިހާރު އެމްޑީޕީއާއެކު އޮތް ކޯލިޝަން ނިމުމަކަށް އަންނާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ މިހާރު އޮތް ކޯލިޝަން ދެމެހެއްޓުންކަމަށާއި ނަމަވެސް އެކަން ނިންމުމުގެ ބާރު އޮތީ ޖުމްހޫރީ ޕާޓީއަށްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު