ޖުމުހޫރީ ޕާޓީއަށް ކޯލިޝަން ތެރެއިން އެއްބަސްވި ހުރިހާ ކަމެއް ނުވިއަސް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައްލަވާ ކަންކަން މި ސަރުކާރުގައި ހިނގަމުންދާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ހަތަރު ވަނަ ކޮންފަރެންސްގައި އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ކުރެވުނު ބަހުސްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވީ، އެޕާޓީއަަށް ކޯލިޝަން ތެރެއިން ލިބޭނެ ކަމަަށް ބުނާ އެެއްޗެއް އެއްކޮށް ނުލިބުނު ނަމަވެސް މުޅި ގައުމުގެ އާންމު ރައްޔިތުންނަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާއި ކޮވިޑް 19 ގެ ދަތި އުނދަގޫ ހާލަތުގައި ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއި ގައުމަށް އައި ބަދަލުތަކާއިމެދު ވިސްނައި ޕާޓީގެ ކައުންސިލުން ގޮތްތަކެއް ނިންމަންޖެހޭ ކަމަށެވެ. ސަމީރު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމާއި މެދު ކައުންސިލުން ގޮތެއް ނިންމާއިރު އެކަންކަމަށް ވިސްނުމަށް އެދިވަޑައިގެންފައެވެ.

ސަމީރު ވިދާޅުވީ މި ސަރުކާރުން ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި މީހަކު ޖަލަށް ލައިގެން ގެންގުޅޭތަން ނުފެންނަ ކަމަށެވެ. އަދި ކުުއްލިއަކަށް ބަދަލުތައް ގެނެސްފައި ވިޔަފާރިއާ މުދާތަަކަށް އަރައިގަންނަތަން ނުފެންނަ ކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ދަތި އުނދަގޫ ހާލަތްތައް ކުރިމަތިވެ ގާސިމަށާއި، އާއިލާއަށްވެސް ގިނަ އުނދަގޫތަކެއް މީގެ ކުރިން ކުރިމަތިވި ކަމަށެވެ. އެ ހުރިހާ ހާލަތެއްގައިވެސް ގާސިމް އިސް ކުރެއްވީ ގައުމާއި، ރައްޔިތުން ކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ 2018 ވަނަ އަހަރު އެކުލަވާލެވުނު ސަރުކާރާއި އެކުގައި ޖުމުހޫރީ ޕާޓީއަށް އެއްބަސްވި ހުރިހާ ކަމެއް ނުވި ނަމަވެސް، އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަބަދުވެސް ފާހަގަކުރައްވާ ގޮތަށް ގައުމާއި ރައްޔިތުންގެ ލާބައަށްޓަކައި، ގައުމުގެ ހަމަޖެހުމާއި ވިޔަފާރިއާއި އިގްތިސޯދާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަށްޓަައި އެމަނިކުފާނު ބައްލަވަމުން ގެންދެވި ގެންދެވުންތައް، މި ސަރުކާރުގެ ތެރެއިން ހިނގަމުންދާތަން ފެންނަމުންދާކަން ގަބޫލު ކުރަށްވާ ކަމަށެވެ.

"އެހެންވީމަ މިފަދަ ކަންކަން ނެތި މިހާ ހިސާބަށް، ހަތަރު އަހަރުވެ، ފަސް ވަނަ އަހަަރަށް މި ދަނީ، އެހެންވީމަ މިއީ އަޅުގަނޑު ދެކޭގޮތުގައި ﷲގެ ހެޔޮ ރަހުމަތްފުޅުން ޖޭޕީއަކީ ޑިސައިޑިންގ ފެކްޓަރއެއްގެ ގޮތުގައި އޮވެ، ގޮތް ނިންމާ ޕާޓީއެއްގެ ގޮތުގައި އޮވެ އެކަން ކުރުމުގެ ނަތީޖާ، މާޒީގެ ހިތި ނަތީޖާތަކެއް އޮތްކަމުގައިވި ނަމަވެސް، 2018 ވަނަ އަހަރުގައި މި ގެނެވުނު ސަރުކާރުގެ ތެރެއިން ހިތްހަމަ ޖެހުމާއެކު އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކުރެވިގެން ދިޔަކަމީ މިއަދު ޖުމްހޫރީ ޕާޓީ ފަހުރުވެރިވާނެ ކަމެއް ކަމުގައި ޔަގީން،" މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ސަމީރު ވިދާޅުވިއެވެ.

މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން އެޕާޓީގެ ހަތަރު ވަނަ ގައުމީ ކޮންގްރެސްއަށް ހުށައެޅި ގަރާރު ރޭ ވަނީފާސްކޮށްފައެވެ. ޖުމުހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ހުށަހެޅި ގަރާރު ޕާޓީގެ ގައުމީ ކޮންގްރެސުން ފާސްކުރުމުން ދެން، އެ ނިންމުން ގެންދާނީ އެޕާޓީގެ ކައުންސިލަށެވެ.

ޖޭޕީ ރިޔާސީ އިންތިހާބުގައި ވާދަކުރާނީތޯ ނުވަތަ ނޫންތޯ ނިންމާނީ އެޕާޓީގެ ކައުންސިލުންނެވެ. ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވީ އެޕާޓީގެ ކޮންގުރެސް އިން ފާސްކުރި ގަރާރު ކައުންސިލަށް ފޮނުއްވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ، އެއީ އެޕާޓީގެ ކައުންސިލުން އަމަލުކުރުން ލާޒިމު ގަރާރެއް ނޫން ކަމަށެވެ. އެކަމަކު ގަރާރު ކައުންސިލަށް ގެންގޮސް ދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު