މާލޭގެ ފިހާރައެއްގެ ތެރޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު، ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް، ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހާއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ސީޕީ ހާމަ ކުރަށްވާފައެއް ނުވެއެވެ.

ފުލުހުން ބުނީ މާފަންނުގައި "ކްރާސާ" ފިހާރައިގެ ތެރޭގައި ޒަހަމްކޮށްލީ 30 އަހަރުގެ މީހެއް ކަމަށެވެ. އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު ހާލު ސީރިއަސްވެ މިހާރު އޮތީ ވެންޓިލޭޓަރުގަ އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ އެ ފިހާރަ ތެރެއަށް އޭނާ ވަނީ ބަޔަކު މީހުން އޭނާ ހޯދަން އަންނާތީ ފިލަންވެގެން ކަމަށެވެ. ނަމަވެސް އެ ފިހާރައަށް ވަނުމުން ސައިކަލެއްގައި އައި ދެ މީހަކު ވަދެ ވަޅިން ހަމަލާ ދިނީ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވީ، އެ މާރާމާރީ އަކީ މާލޭގެ ދެ ގޭންގަކަށް ނިސްބަތްވާ ދެ މީހެއްގެ ދެމެދުގައި މި އަހަރު ކުރީކޮޅު ޖެހުނު މައްސަލައަކާ ގުޅިގެން ހިނގާ މާރާމާރީތަކެއް ކަމަށެވެ. އެގޮތުން އެއީ ކުޑަހެންވޭރޭ' ކިޔައިގެން އުޅޭ ބަޔަކާއި 'އެންސީ' އޭ ކިޔައިގެން އުޅޭ ބައެއް ހިންގާ މާރާމާރީތަކެއް ކަމަަށް ހަމީދު ވިދާޅުވިއެވެ. އެ މާރާމާރީތަކާއި ގުޅިގެން މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު