ސަރުކާރުން ދަރަނި ނުނަގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުކުރެވޭނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ކޮންފަރެންސްގަައި ވާހަކަފުޅު ދައްކަވަމުންނެެވެ. ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ރައީސް ސާލިޙުގެ ސަރުކާރުގައި ގައުމަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި ގައުމަށް ހަމަޖެހުން ގެނެސްދީފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މި ސަރުކާރުގެ ދަރަނި ވެސް ބޮޑު ކަމަށެވެ. އެހެން ނަމަވެސް ދަރަނި ނުނަގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްނުދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދައުލަތުން ރައްޔިތުންނަށް ޚަރަދު ތަކެއް އެބަކުރައްވާ، ދަރަނިތަކެއް ވެސް ބޮލުގައި އެޅެމުން އެބަދޭ. ކިހާވަރެއްތޯ އަޅުގަނޑުމެން އިހުސާސްކޮށްލަންޖެހޭނީ އަޅުގަނޑު ދަންނަވަން އޮތީ ދަރަންޏާއި ނުލައި މިއަދަކު ކަންކަމެއް ނުކުރެވޭނެ. އެންމެ ދަރަނި ބޮޑު ގައުމަކީ އެމެރިކާ. އެމެރިކާ އެހިސާބަށް ތަރައްގީވެދިޔައީ އެތައް ސަތޭކަ އަހަރު ދުވަހުން. އަޅުގަނޑުމެން ހިތް އަވަސްވެ ގަންނާކަށް ނުޖެހޭ." ރައީސް މައުމޫންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ގާސިމް ވިދާޅުވީ އެމަނިކުފާނު ކުރަށްވާ މަސައްކަތްޕުޅަކީ ދިވެހި ގައުމުގެ ރޫހު އާލާކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރަށްވަނީ ދިވެހި ގައުމުގެ ހެވާ ލާބައަށް ކުރާ މަސައްކަތް ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ކޮންމެ ސަރުކާރެއް ވެސް ވެރިކަމަށް އައުމަށްފަހު ވިސްނުންތަކަށް ބަދަލު އަންނަ ކަމަށެވެ. ކޮންމެ ސަރުކާރަކުން ވެސް އެކަން އެބަ ފެންނަމުންދާ ކަމަށް ގާސިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު