މި ސަރުކާރު ކޯލިޝަން ރޫލާލަން މަސައްކަތް ނުކުރަށްވާ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ކޮންފަރެންސްގަައި ވާހަކަފުޅު ދައްކަވަމުންނެެވެ. ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އަވަސް އަރުވާލައި، ތެޅިފޮޅިގަނެގެން ކޯލިޝަން ރޫޅާލަން އެޕާޓީން މަސައްކަތް ނުކުރާ ކަމަށެވެ.

ގާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ކޯލިޝަން ހަދައިގެން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ވައުދުތައް ހަނދުމަފުޅު ނެތުނު ނަމަވެސް އެކަމާ ނޫޅުއްވާ ކަމަށެވެ. ގާސިމް ވިދާޅުވީ ޖުމުހޫރީ ޕާޓީން މިހާރު ވެސް އޮތީ ސަރުކާރު ކޯލިޝަންގައި ކަމަށެވެ. އެޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރުމަކީ ކޯލިޝަން އެއްބަސްވުމާއި ޚިލާފުވުން ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީއެއް އުފައްދައިގެން ބަޔަކު އުޅެނީ ގައުމަށް ހެއުގޮތާއި ރަނގަޅު ގޮތް ހޯދައިދިނުމަށްޓަކައި އެބަޔެއްގެ ފެންވަރުގައި ކުރެވެން ހުރި މަސައްކަތްތަކެއް ކުރުމަށްޓަކައި. އެއީ އަޅުގަނޑުމެން ކުރިކަމަކީ." އާ ގާނޫނު އަސާސީގެ ދަށުން ވެރިކަމަށް އައި ހުރިހާ ސަރުކާރު ތަކެއް ވެރިކަމަށް ގެނައުމުގައި އިސްދަައުރެއް އަދާކުރެއްވި ގާސިމް ވިދާޅުވިއެެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ހުރިހާ ސަރުކާރުތަކުން ތަރައްގީތަކާއި ކުރިއެރުން ގެނެސްދީފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވެސް މަސައްކަތް ކުރަށްވަނީ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދީ ގައުމަށް އިތުރު ތަރައްގީއާއި ކުރިއެރުން ގެނެސް އެކަންކަން ދަމަހައްޓަން ކަމަށް ގާސިމް ވިދާޅުވިއެވެ.

"ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ވަޑައިގަތީމަ އަޅުގަނޑުމެން މަސައްކަތް ކުރިއެއް ކަމަކު މިދަނީ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަށްދާނެ ފުރުސަތު ނުލިބި، އެހެންވެގެން އަޅުގަނޑުމެންނަށް ބަޔަކާއި ކޯލިޝަން ހަދަން މިޖެހެނީ. ކޯލިޝަން ހެދީމަ ދެން ވާގޮތުގެ ވާހަކަ ދައްކަން ބޭނުމެއް ނޫން، ރައްޔިތުންނަށް އިހުސާންތެރިކަމާއި އިހުލާސްތެރިކަމާއެކު ކަންތައް ކޮށްދޭނަމަ ކޮށްދެވޭނެމަ އެކަން އެ ނިމުނީ. އަޅުގަނޑުމެންގެ މަގުސަދު އެ ހާސިލްވެގެންދަނީ. ޒާތީ ގޮތުން ވަކިބަޔަކާއި ދިމާކޮށްލުމުގެ ބޭނުމެއް އޭރަކު ވެސް މިހާރަކު ވެސް ނުގެންގުޅެން." މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރަށްވާ ގާސިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު