މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން އެޕާޓީގެ ހަތަރު ވަނަ ގައުމީ ކޮންގްރެސްއަށް ހުށައެޅި ގަރާރު މިރޭ ފާސްކޮށްފި އެވެ.

ޖުމްހޫރީ ޕާޓީން އެގޮތަށް ނިންމީ، 2023ގެ ރިޔާސީ އިންތިހާބުގައި ޖޭޕީ ވާދަކުރުމަށް ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހްމަދު (އަބްޅޯ) އެޕާޓީގެ ހަތަރުވަނަ ކޮންގުރެސްއަށް ހުށަހެޅުއްވި ގަރާރަށް މެމްބަރުންގެ މެެދުގައި ބަހުސް ކުރުމަށް ފަހުގައެވެ. ގަރާރު ފާސްކޮށްފައިވަނީ ގައުމީ ކޮންގްރެސްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޖުމުހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ހުށަހެޅި ގަރާރު ޕާޓީގެ ގައުމީ ކޮންގްރެސުން ފާސްކުރުމުން ދެން، އެ ނިންމުން ގެންދާނީ އެޕާޓީގެ ކައުންސިލަށެވެ. ޖޭޕީ ރިޔާސީ އިންތިހާބުގައި ވާދަކުރާނީތޯ ނުވަތަ ނޫންތޯ ނިންމާނީ އެޕާޓީގެ ކައުންސިލުންނެވެ. ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވީ އެޕާޓީގެ ކޮންގުރެސް އިން ފާސްކުރި ގަރާރު ކައުންސިލަށް ފޮނުއްވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ، އެއީ އެޕާޓީގެ ކައުންސިލުން އަމަލުކުރުން ލާޒިމު ގަރާރެއް ނޫން ކަމަށެވެ. އެކަމަކު ގަރާރު ކައުންސިލަށް ގެންގޮސް ދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ޖުމުހޫރީ ޕާޓީގެ ކޮންގުރެސްއަށް ހުށައެޅި ގަރާރުގައި ބުނީ ގިނަ ސިޔާސީ ޕާޓީތަކެއް ހިމެނޭ ނިޒާމެއް ގާއިމް ކުރި ފަހުން މިހާތަނަށް ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއް އެހެނިހެން ސިޔާސީ ޕާޓީތަކަށް ކާމިޔާބު ކުރެވެނީ ޖޭޕީގެ ތާއީދާ އެކުގައި ކަމަށާއި އެންމެ ފަހުން ޖޭޕީން ވާދަ ކުރި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީ ދެވަނަ ބުރަށް ނުދެވުނީ ކުޑަ ފަރަގަކުން ކަމަށެވެ. އަދި ޖޭޕީ އަކީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ހަކަތައާއި ތާއީދު އޮތް ޕާޓީއެއް ކަމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކީ ޖޭޕީގެ ވެރިކަމެއް ގާއިމް ކުރަން ލިބެން އޮތް އެންމެ ފަހި ފުރުސަތު ކަމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ.

އެހެންކަމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއް ވާދަ ކުރަން ނުވަތަ ޖުމްހޫރީ ޕާޓީ އިސްވެ އުފައްދައި ކޯލިޝަނަކުން ވާދަ ކުރުމަށް ކޮންގުރެސް އަށް ހުށައަޅާ ކަމަށް އެގަރާރުގައިވެއެވެ.

ޖުމްލަ 750 އެއްހާ މެންބަރުންނާއެކު ކުރިޔަށް ގެންދިޔަ މި ކޮންފަރަންސްގައި އެ ގަރާރުގެ ބަހުސްގައި 400 އެއްހާ މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގަރާރަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ ރިޔާސީ އިންތިހާބުގައި މިހާރު އޮތް ކޯލިޝަނާއެކު ކުރިޔަށް ނުގޮސް ގާސިމް އިންތިހާބަށް ނުކުންނެވުމަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު