މާލޭގައި ހިންގާފައިވާ މާރާމާރީތަކާއި ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ހުރި ކެފޭއަކަށް ގެއްލުންދިން މައްސަލަ ގުޅެނީ މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކާއި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މާފަންނު މުރަނގަ މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި މީހަކަށް ވަޅިން ހަމަލާދީ ރޭ ވަނީ ވަރަށް ބޮޑަށް ޒަަހަމްކޮށްލާފައެވެ. އުމުރުން 30 އަހަރުގެ އެމީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން މާލޭގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އެއީ މާލޭގެ ދެ ގޭންގަކަށް ނިސްބަތްވާ ދެ މީހެއްގެ ދެމެދުގައި މި އަހަރު ކުރީކޮޅު ޖެހުނު މައްސަލައަކާ ގުޅިގެން ހިނގާ މާރާމާރީތަކެއް ކަމަށެވެ. އެގޮތުން އެއީ ކުޑަހެންވޭރޭ' ކިޔައިގެން އުޅޭ ބަޔަކާއި 'އެންސީ' އޭ ކިޔައިގެން އުޅޭ ބައެއް ހިންގާ މާރާމާރީތަކެއް ކަމަަށް ހަމީދު ވިދާޅުވިއެވެ. ހަމީދު ވިދާޅުވީ އެ މާރާމާރީތަކާއި ގުޅިގެން މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވީ ހުޅުމާލޭގައި ހުންނަ 'ޖޫސް ޓައިމް' ނަމަކަށް ކިޔާ ކެފޭއަށް ގެއްލުންދީ އެ ކެފޭ ފުނޑާލީ މާލޭގައި ހަރަކާތްތެރިވާ އެހެން ދެ ގޭންގެއްގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. ހަމީދު ވިދާޅުވީ މި މާރާމާރީތަކުގައި ހަރަކާތްތެރިވާ މީހުން މާލެތެރޭގައި ހަރަކާތްތެރިވަނީ ހެލްމެޓު އަޅައި، ދުއްވާ ސައިކަލުގެ ނަންބަރު ޕުލޭޓް ބަދަލު ކޮށްގެން ކަމަށެވެ. އަދި، މިފަދަ މާރާމާރީތަކުގައި ބައިވެރިވާ ފަރާތްތަކުން މީހުން ފިލަން ވަންނަ ހަތަރު 'ސޭފްހައުސް' އެއް ބަލައި ފާސްކޮށް އެތަންތަނުން އެކި ބާވަތުގެ ހަތިޔާރު ހޯދާފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު