ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި، އިންތިޚާބުކުރާ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަށް ބޭއްވި އިންތިޚާބުގެ ވޯޓްލުން ނިންމާލައިފިއެެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި، ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުމަށް ވޯޓުލާއި ނިމިފައިވާއިރު މިހާރު ވަނީ ވޯޓް ގުނުމުގެ މަސައްކަތް ފަށާފައެވެ.

ވޯޓްގެ ކަންކަމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޖޭޕީގެ އިންތިހާބީ ކޮމިޓީގެ ރައީސް އަލީ ހުސައިން ވިދާޅުވީ، ވޯޓްލުމާއި ގުނުމުގެ ކަންކަން ކުރިޔަށްދަނީ ވަރަށް އިންސާފުވެރިކަމާއިއެކު، ހުރިހާ މެމްބަރުންގެ ބައިވެރިވުމާއިއެކުގައިކަަމަށެވެ.

އަލީ ހުސައިން ވިދާޅުވީ، ވޯޓް ގުުނުމަށް އެކަށީގެންވާ ވަގުތެއް ނަގާނެކަަމަށާއި، ބެލެވޭ ގޮތުގައި އެންމެ މަދުވެގެންވެސް ހަތަރު ގަޑިއިރުވެސް މިކަމަށް ނަގާފާނެކަމަށެވެ. އަދި25 މަގާމަކަށް 64 ބޭފުޅަކު ކުރިމަތިލައްވާފައިވާކަން ފާހަގަކުރައްވާ އަލީ ހުސައިން ވިދާޅުވީ، ވޯޓާއިބެހޭ އިދާރީ ހުރިހާ ކަމެއްވެސް ކުރިޔަށްގެންދާނީ އިންތިހާބާއި އެއްވެސް ގުޅުމެއް ނެތް މީހުންކަމަށެވެ. އެގޮތުން އެއްވެސް ކެނޑިޓޭޓަކަށް ކެމްޕޭންކުރުމުގައި ބައިވެރިވެފައިވާ ފަރާތެއްވެސް ވޯޓު ގުުނުމުގައި ހަރަކާތްތެރި ނުވާނެކަމަށް އަލީ ވިދާޅުވިއެވެ.

ވޯޓުލާ ނިމި، ވޯޓް ގުނުމުގެ ކަންކަން ކުރިޔަށްދާއިރު، މިއީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެމްބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސްގެ އިތުރުން އަންހެނުންގެ ލީގުގެ މެމްބަރުން، އަދި ގައުމީ ކޮންފަރެންސްއިން އިންތިހާބުކުރާ 25 މެމްބަރުން ހޮވުމަށް ކުރިޔަށްގެންދާ އިންތިހާބެވެ.

ޖުމްހޫރީ ޕާޓީން ބުނީ އެޕާޓީގެ ހަތަރުވަނަ ޤައުމީ ކޮންފަރެންސްގައި ކުރިއަށްދާ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީކުރީ 741 މެމްބަރުން ކަމަށާއި އޭގެ ތެރެއިން ވޯޓު ލާފައިވަނީ 680 މެމްބަރުން ކަމަށެވެ. އެހެންކަމުން ރަޖިސްޓްރީކުރި މެމްބަރުންގެ ތެރެއިން 91 އިންސައްތަ މެމްބަރުން އިންތިހާބުގައި ވޯޓުލާފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު