ގައުމަށް އެންމެ މަސްލަހަތު ހުރިގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް ދެވަނަ ދައުރެއް ދިނުންކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ސިޔާމް ލީޑަރުކަން ކުރަށްވާ އެމްޑީއޭއިން މިއަދު ވަނީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް، އިބްރާހިމް މުހައްމަދު ސާލިޙު ވެރިކަމަށް ގެނައުމަށް އެޕާޓީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ. އެގޮތަށް ނިއްމާފައިވަނީ މިއަދު ހަވީރު ބޭއްވި ގައުމީ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 36 މެމްބަރުންގެ ތެރެއިން 34 މެމްބަރުންގެ ވޯޓާއެކު އެކުއެވެ.

އެ ނިންމުން ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ، ރައީސް ސާލިޙާއެކު މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަކީ ވަރަށް ފަސޭހަކަމެއް ކަމަށެވެ. އެމަނިކުފާނު ދެވަނަ ދައުރަކަށް ރައީސްކަމުގެ މަގާމަށް އިންތިޚާބުކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރިގޮތް ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ރާއްޖެ ރަނގަޅު މިސްރާބަކަށް ދަތުރުކުރެވޭނީ ރައީސް ސާލިޙަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިގެން ކަމަށް މައުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ސާލިޙުގެ ވެރިކަމުގެ ފަސްއަހަރަކީ ވަރަށް ހަމަ ހިމޭން ފަސްއަހަރު ކަމަށެވެ. އަދި ރައީސް ސާލިޙަކީ ވަރަށް މަޑުމައިތިރި ކެެތްތެރި ވިސްނުންތެރި ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ކެތްތެރި ހިކުމަތްތެރި ބޭފުޅެއް ކަމަށް މައުރޫފް ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ އާ ގާނޫނު އަސާސީގެ ދަށުން މިހާތަށް އެއްވެސް ރައީސަކަށް ދެވަނަ ދަައުރެއް ލިބިފައިނުވާ ކަމަށެވެ. ރައީސަކަށް ހުންނަވާ ބޭފުޅަކަށް ދެވަނަ ދައުރެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެޕާޓީގެ ލީޑަރު އަހުމަދު ސިޔާމް ގަބޫލުކުރަށްވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރާއި ޕާޓީން ވެސް ގަބޫލުކުރާގޮތުގައި ދެވަނަ ދައުރެއް ދިނުމަކީ ފެށިފައި ހުރި ޕްރޮޖެކްޓްތައް ނިމި ގައުމު ހަމަހިމޭންކަމާއެކީގައި ދަތުރުކުރުމަށް އަދި އިގްތިސާދީ ގޮތުން ދެވަނަ ދައުރެއް ދިނީމާ ރާއްޖޭގެ ބޮލަކަށް ޖެހޭ މިންވަރު އިތުރުވެ ރާއްޖޭގެ އިގްތިސާދު ތަނަވަސްވެގެންދާނެ ކަމަށް އެމަނިކުފާނު (ސަން ސިޔާމް) ގަބޫލުކުރައްވަނީ، އެހެންވެ އަޅުގަނޑުމެން ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާއާ އެކީގައި ކޯލިޝަން މި ހެދީ،" ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފް ވިދާޅުވިއެވެ.

ސަން ސިޔާމްގެ އެމްޑީއޭގެ އިތުރުން މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް މިހާރު ވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކޮށް އެޕާޓީ އާއިއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު