އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށް އެޕާޓީއާއި ކޯލިޝަން ހެދުމަށް ސަން ސިޔާމުގެ އެމްޑީއޭއިން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ސިޔާމް ލީޑަރުކަން ކުރަށްވާ އެމްޑީއޭއިން އެގޮތަށް ނިންމާފައިވަނީ މިއަދު ހަވީރު ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. އެގޮތަށް ފާސްވީ އެޕާޓީގެ ގައުމީ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި 36 މެމްބަރުންގެ ތެރެއިން 34 މެމްބަރުންގެ ވޯޓާއެކު އެކުއެވެ. ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.

އެމްޑީއޭއާއެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށް، އެމްޑީޕީން އިއްޔެ ވަނީ އެ ޕާޓީއާއެކު މަޝްވަރާ ބައްދަލުވުމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން، އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ކުރިން އެމްޑީއޭއިން ވަނީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ އާއެކު ވެސް މަޝްވަރާކޮށްފައެވެ.



މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ސިޔާމް މުޙައްމަދު ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް މީގެ ކުރިން ނިންމަވާފައެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާއެކު ކޯލިޝަން ހެދުމަށް މިހާތަނަށް ނިންމާފައިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންނެވެ. ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީއަކުން އެކަމަށް އަދި ވަކި ގޮތެއް ނުނިންމައެވެ.

އެމްޑީއޭއިން އެންމެ ފަހުން ކޯލިޝަން ހެދީ 2013 ވަނަ އަހަރު ޕީޕީއެމްގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނާއި އެކުއެވެ.



ކިޔުންތެރިންގެ ހިޔާލު