އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ކަމަކަށް އިގުރާރު ވާނީ ލައްކަ ވިސްނުމަށްފަހު ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން އަދާލަތުން ނިންމި ނިންމުމާއި ގުޅިގެން ބައެއް ދީނީ އިލްމްވެރިން އެކަމަށް ފާޑުވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ. ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ކަމަކަށް އިގުރާރު ވާނީ ލައްކަ ވިސްނުން ވިސްނާ، ލައްކަ ގޮތްގޮތަށް ފިކުރު ކުރުމަށްފަހު ކަމަށެވެ.

އަދި އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމާ ސިލްމާސަލާމަތަށް އެންމެ ފަހި ގޮތަށް ނޫނީ އަދާލަތުގެ މަޝްވަރާ މަޖިލީހުން އިގުރާރު ނުވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.



ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް އަދާލަތު ޕާޓީން އެމްޑީޕީއާއި ކޯލިޝަން ހެދުމަށް ނިއްމާފައިވާއިރު ސަރުކާރު ކޯލިޝަނުގައި ދެން ތިބި ޕާޓީތަކުން އަންނަ ރިޔާސީ އިންތިހާބުގައި ކުރިއަށްދާނެ ގޮތަކާއި މެދު އަދި ގޮތެއް ނުނިންމައެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު