ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަން އުޅޭއިރު ޖުމްހޫރީ ޕާޓީ ވަރެއް ނެތްކަމަށް ދައްކައިގެން އުޅުނަސް، ވެރިކަމަށް އައުމަށްފަހު ފެންނަ މަންޒަރު ތަފާތުކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ގާސިމް ދެއްކެވި ވާހަކަފުޅުގައި ވަނީ ޖުމްހޫރީ ޕާޓީގެ މަސައްކަތްތަކާއި ކުރެވުނު ތަޖުރިބާތަކަށް އަލިއަޅުއްވާލައްވާފައެވެ.

ގާސިމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ވަރަށް ބޮޑު އަނިޔާވެރިކަމާއި ކުރިމަތިލާން ޖެހިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެކަންކަން މިހާރު ހަނދާން ނައްތާލައި، ހިތް ހަލާސްކޮށްފައިވާކަމަށް ގާސިމް ވިދާޅުވިއެވެ.

"ސިޔާސީ ކަންކަމުގައި އުޅޭއިރު ދިމާވާނެ ސިޔާސީ ކުޅިގަނޑުތަކާއި އެއީ އަޅުގަނޑުމެން އެކަކު އަނެކަކާއި މާބޮޑަށް ހިތް ބޮޑުކޮށްގެން ހަސަދަލައިގެން ފަހަތުން ނެއްޓިގެން ނޫޅެންޖެހޭ ސަބަބެއް ނޫން. އަޅުގަނޑުގެ ހިތް ހަމަގައިމުވެސް ހަލާސް، އެއްވެސް ހިތްބުރަކަމެެއް ނެތް އޭގެން އެއްވެސް ބޭފުޅަކާއި މެދުއެއް." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކުރީގެ ސަރުކާރުގެ އަނިޔާއިން ސަލާމަތްވުމަށް ރާއްޖެއިން ބޭރަށް ކުރި ދަތުރުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށެވެ.

"ސިންގަޕޫރުގައި ހުރެވުނީ ރައީސް ނަޝީދުގެ އެހީތެރިކަމާއެކު، އަނެއްކާވެސް ޖަރުމަނަށް ދިއުމުގައިވެސް ރައީސް ނަޝީދުގެ އެހީތެރިކަން ލިބުނު." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައީސް ނަޝީދާއި އެމަނިކުފާނަކީ އަބަދުވެސް އިސްލާހަށް މަސައްކަތް ކުރެއްވި ދެ ބޭފުޅުންކަމަށެވެ.

"އަބަދުވެސް މަސައްކަތް ކުރީ އިސްލާހަށް. ރައީސް ނަޝީދާއި ދެ ބޭފުޅުން އެ މަސައްކަތް ފެއްޓެވީ. ރައީސް ނަޝީދާއި އަޅުގަނޑަކީ މިކަމުގައި ވަރަށް ގިނަ މަސައްކަތްކޮށް، ވަރަށް ގިނަ އަނިޔާއާއި ވޭން ތަހައްމަލު ކުރި ދެ މީހުން." ކީރިތި ކުރައްވަމުން ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ ވެރިކަމަށް ނައިސް މުޅިންވެސް އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަމުންދާކަމަށެވެ. އަދި ކޮންމެ ޕާޓީއެއްގެ ކޮންމެ ވައުދަކަށް ބެލިނަމަވެސް ޖުމްހޫރީ ޕާޓީއާ އެ ވައުދުތަކާއި ގުޅިފައިވާކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ކޯލިޝަން ނުހެދިނަމަ އެ ޕާޓީތަކަށް ވެރިކަމަކަށް ނާދެވޭނެކަމަށާއި އެ ވެރިކަންތަކުގައި ކޮށްފައި ހުރި ކަންކަމަކީ ޖޭޕީގެ ހިއްސާއާއެކު ކޮށްފައިވާ ކަންކަންކަމަށެވެ.

"ހިތާމައަކީ ސަރުކާރުތަކުން ރަނގަޅަށް ކުރާ ކަންކަމުގެ ތައުރީފް ޖުމްހޫރީ ޕާޓީއަށް ހައްގު ކުރުމަށް ބައެއް ފަރާތްތަކުން ޖެހިލުންވާކަން. ސަރުކާރުން ވައުދު ފުއްދަމުންދާއިރު ކޯލިޝަން ޕާޓްނަރުގެ ރޯލެއް އޮންނަކަމަށް އެ ބޭފުޅުން ނުދެކޭ. އެކަމަކު ސަރުކާރު އެކުލަވާލަންވީމަ ޖޭޕީ ވަރެއް ނޯންނަކަމަށް ބައެއް ބޭފުޅުން ދެކޭ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޖުމްހޫރީ ޕާޓީން ކުރިއަށް ދާނީ މިކަންކަމުން އިބްރަތް ހާސިލް ކުރަމުންކަމަށެވެ.

މިއަދާއި މާދަމާ ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި ގުޅޭގޮތުން ވަނީ ގަރާރެއް ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު