ޑިފެންސްގެ ދާއިރާއިން ރާއްޖެއާއި ޔޫއޭއީގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިިވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޑިފެންސް މިނިސްޓަރ ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގައި ކުރިއަށްދާ އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އީސާ ސައިފްއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޑިފެންސްގެ ދެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައެވެ. އަދި އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަންފަދަ ހަރަކާތްތަކުގެ މުހިއްމުކަމުގެ މައްޗަށްވެސް މި ބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ.

މިމަހުގެ 20 ވަނަ ދުވަހު ފެށި އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ. މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ސަލާމަތީ ޚިދުމަތްތަކުގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު