ރާއްޖޭގައި ދުއްވާ ޓެކްސީތަކުގައި ކެމެރާ ހަރުކުރުން ލާޒިމްކުރާ ޤަވާއިދަށް އަމަލުކުރުން ފަސްކޮށްފިއެވެ.

ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކޮށް، ޓެކްސީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި އެ ކެމެރާއިން ރިކޯޑުކޮށްފައި ހުންނަންވާނެކަމަށް ބުނާ ޤަވާއިދު ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްކުރީ މިދިޔަ އޮގަސްޓްމަހުއެވެ. ގަވާއިދު އޭރު ގެޒެޓްކުރީ 6 މަސް ދުވަސްފަހުން އަމަލުކުރާ ގޮތަށެވެ. އެ މުއްދަތު މާދަމާއަށް ހާމަވާނެއެވެ.

ޓެކްސީތަކުގައި ކެމެރާ ހަރުކުރުން ލާޒިމްކުރާ ޤަވާއިދަށް އަމަލުކުރަން ފަށާ ތާރީހު ގާތްވެފައި ވަނިކޮށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެކަމަށް އަމަލުކުރަން ފަށާނީ 3 މަސް ފަހުންކަމަށް ކަނޑައަޅައި، އަލުން ގަވާއިދު ގެޒެޓްކޮށްފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ގަވާއިދަށް އިސްލާހުތަކެއް ގެނެސްފައި މިވަނީ އިތުރަށް ފުރިހަމަ އަދި ލުއި ގޮތްތަކެއް ޓެކްސީ ޑްރައިވަރުންނަށް ހޯދައިދިނުމަށް ކަމަށެވެ.

ޓެކްސީ ގަވާއިދަށް ގެނެސްފައިވާ އިސްލާޙުގައިވާގޮތުން، ޓެކްސީތަކުގެ އެތެރޭގައި ތިބޭ ފަސިންޖަރުންނާއި، ޑްރައިވަރާއި، ޓެކްސީގެ ބޭރު ފެންނަން ހުންނާނޭހެން ކެމެރާ ހަރުކޮށް، ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި އެ ކެމެރާތަކުން ރިކޯޑު ކުރެވެންޖެހެއެވެ. މިގޮތަށް ކޮށްފައިވާ ރިކޯޑިންގތައް، އެ ރިކޯޑުކުރެވޭ ތާރީޚުން ފެށިގެން މަދުވެގެން 7 ދުވަހުގެ މުއްދަތަށް، އެ ޓެކްސީއެއްގެ ޓެކްސީ ސެންޓަރުން ބަލަހައްޓަންޖެހެއެވެ.

ގަވާއިދުގައިވާ ގޮތުން ޓެެކްސީ ދުއްވަމުންދާއިރު، އެ ޓެކްސީއެއްގައި ކެމެރާ ހަރުކޮށްފައިވާކަމާއި، އެ ކެމެރާއިން ރިކޯޑު ކުރަމުންދާކަން، ފަސިންޖަރުންނަށް، ޓެކްސީ ޑްރައިވަރު އަންގަން ޖެހެއެވެ.

މީގެއިތުރުން ޓެކްސީތަކުގެ ބިއްލޫރި ކަޅުކުރެވޭނެ މިންގަނޑެއްވެސް ޓްރާންސްޕޯޓުންވަނީ ކަނޑައަޅާފައެވެ. އެގޮތުން ޓެކްސީގެ ބިއްލޫރި ކަޅުކުރެވޭނީ، މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އުޅަނދަކަށް ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަން ހުންނަ ވަރަށްކަމަށްވެސް މި ގަވާއިދުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު