މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތަކުގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ގިނަ އީމެއިލްތަކެއް ކޮމްޕޮމައިޒްވެފައި ހުރިކަން ފާހަގަ ކުރެވޭތީ އީމެއިލް ޕާސްވޯޑާއި އިންޓަނެޓް ބޭންކިން ޕާސްވޯޑް ބަދަލުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ފައިސާ ހޯދާ ފަރާތްތަކުން އިންޓަނެޓު ބޭންކިންގެ ޔޫޒާ ނޭމާއި ޕާސްވޯޑު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިފަދައިން ހޯދާ މައުލޫމާތު ބޭނުންކޮށްގެން އެ ފަރާތްތަކުން އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓުތަކަށް ޓްރާންސްފާ ކުރުމާއި އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެން އެކި ފިހާރަތަކުން ކިއު.އާރު ސްކޭން މެދުވެރިކޮށް މޯބައިލް ފޯނާއި އިލެކްޓްރޯނިކް ޑިވައިސްއާއި ތަފާތު މުދާ ގަނެފައިވާކަން ފާހަގަ ކުރެވޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ފުލުހުންނަށް ހުށަހެޅޭ އެފަދަ މައްސަލަތަކަށް ބަލާއިރު ލޮގިން ކްރެޑެންޝިއަލްސް ކޮމްޕްރޮމައިޒްވެފައި ނުވަތަ ލޮގިންގ ޔޫޒަރ ނޭމާއި ޕާސްވޯޑް އެފަރާތްތަކުން ދެނެގަނެފައި ހުންނަ މައިގަނޑު ގޮތަކީ އެކި މުއައްސަސާތަކާއި ޖަމުއިއްޔާތަކުގެ ނަމުގައި އޮޅުވާލައިގެން ފޮނުވާ ލިންކުތަކަށް ވަދެ ލޮގިން މައުލޫމާތު ހިއްސާކުރަން އެދިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި އެފަދަ ލިންކުތައް ބޭނުންކޮށްގެން އީމެއިލް ކޮމްޕްރޮމައިޒް ކޮށްލާކަންވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ފުލުހުން ބުނީ އެފަދަ ލިންކުތައް ކުށްވެރިން ހަދަނީ އާންމުން ދަންނަ މުއައްސަސާތަކުގެ ނަމުގައިކަން ފާހަަގަކުރެވޭ ކަމަށެވެ.

"މިސާލަކަށް، އެޗްޑީސީގެ ފަރާތުން ޕޯޓަލްއަޕްޑޭޓް ކުރުމަށް ނުވަތަ އެނޫންވެސް ސަބަބަކާހުރެ ކަމަށްބުނެ ފޮނުވާ ލިންކަށް ފިތާލުމުން، އެ ލިންކު ހުޅުވައިލާއިރު އެއީ އެޗްޑީސީގެ ވެބްސައިޓުކަމަށް ގަބޫލުކުރެވޭ ގޮތަށް ފަރުމާކޮށްފައިހުރެއެވެ. އަދި ލިންކަށް ފިތާލުމުން ހުޅުވޭ ވެބްސައިޓަކީ ސައްހަނޫން ސައިޓެއްކަން ދެނެގަންނާނެ ގޮތް ގިނަ މީހުންނަށް ނޭނގި އަދި އެ ވެބްސައިޓަކީ ސައްހަ ވެބްސައިޓެއްކަމަށް އިތުބާރުކޮށް ލޮގްއިން ކުރަން ބޭނުންކުރާ މައުލޫމާތުދެވިފައި ހުންނަކަން ފާހަގަކުރެވިފައިވެއެވެ." ފުލުހުން ބުނުފަެި ވެއެވެ.

މީގެއިތުރުން ފުލުހުން ބުނީ އިންޓަނެޓު ބޭންކިންގައި ބޭނުންކުރާ އީމެއިލް އެޑްރެހަކީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ބޭނުންކުރާ އީމެއިލަށްވުން އެއީ ވެސް އީމެއިލް ކޮމްޕްރޮމައިޒް ވުމަށް ނުވަތަ އީމެއިލަށް ވަނުމަށް ބޭނުންކުރާ މައުލޫމާތު ހޯދައިގަތުމަށް ފުރުސަތުލިބޭ ސަބަބެއް ކަމަށެވެ.

އެގޮތުން، ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގެ (ފޭސްބުކް ޓުވިޓަ، އިންސްޓަގްރާމް) ޑޭޓާ ބްރީޗްތަކުގައި ވެސް ރާއްޖޭގެ އެތައް ބައެއްގެ ޑޭޓާ (ލޮގްއިން ކްރެޑެންޝަލްސް) މިހާރު ވެސް އިންޓަނެޓްގައި ލީކުވެފައިވާކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ޕްލެޓްފޯމްތަކުގެ ޕާސްވޯޑު ވެސް ބަދަލުކުރުމަކީ ރައްކާތެރި ގޮތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މެއިލް އެކައުންޓުގެ ޕާސްވޯޑް މެނޭޖާގައި އިންޓަނެޓް ބޭންކިން ޔޫސާ ނޭމާއި ޕާސްވޯޑް ސޭވްކޮށްފައި ހުންނަކަމަށާއި، އީމެއިލް ކޮމްޕްރޮމައިޒް ވުމުން މި މައުލޫމާތު ސްކޭމް ހިންގާ ފަރާތްތަކަށް ލިބޭ ކަަމަށެވެ. އަދި އަމިއްލަ ޑިވައިސް ނޫން އެހެން ޑިވައިސްތަކުން އިންޓަނެޓް ބޭންކިން އަދި އީމެއިލް ސާވިސްތަކަށް އެކްސެސްވެ އެފަދަ ޑިވައިސްތަކުގެ ބްރޯޒާގައި ޕާސްވޯޑް ސޭވްކުރެވިފައި ހުންނަކަން ވެސް ފާހަގަވެފައިވާ ކަަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން އިންޓަނެޓް ހިދުމަތްތައް ހޯދައި ލިބިގަތުމުގައި ބޭނުންކުރާ އީމެއިލް އެޑްރެސް އަދި ޕާސްވޯޑުތަކަށް މިހާރަށް ވުރެ ބޮޑަށް ސަމާލުވެ، ޓޫ ފެކްޓާ އޮތެންޓިކޭޝަން ފީޗާސްތައް ބޭނުންކުރުމާއި، ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމާއި އެއް ޕާސްވޯޑެއް ގިނަ އެކައުންޓްތަކުގައި ބޭނުން ނުކުރުމަށް ފުލުހުން ވަނީ އެދިފައެެވެ.

މިފަދަ މައްސަލަތަކުގައި ގިނަ ބައެއްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެެވެެ.



ކިޔުންތެރިންގެ ހިޔާލު