އަހުމަދު މަސްނޫމް   23 ފެބްރުއަރީ 2023 - 10:35
ގުރައިދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު އިބްރާހީމް ރިޟާ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙިމް ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

ރައީސް ސާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު އިބްރާހީމް ރިޟާއަކީ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށެވެ.

"މަރްޙޫމްގެ ޢާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވަން. މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި." ރައީސްގެ ޓްވީޓްގައިވެއެވެ.



އިދިކޮޅު ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މަޖިލިސް ތަމްސީލުކުރައްވަމުންް ގެންދެވި ރިޒާ ވަނީ، ނިމުނު 3 ދައުރުގައިވެސް މެންބަރުކަން ކުރައްވާފައެވެ. ރިޒާ ގެންދެވީ މަޖިލީހުގެ ޖުޑިޝަރީއާއި، މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވަމުންނެވެ.

ޕީޕީއެމްގެ ސެނެޓްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ރިޒާ ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު