ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން ނިންމުމާއި ގުޅިގެން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ސާލީހަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމިކަން އިއުލާންކުރީ އިއްޔެއެވެ.

އަދާލަތު ޕާޓީގެ ނިންމުމާއި ގުޅިގެން ޝާހިދު ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސާލިހަށް ތާއީދުކުރުމަށް ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ ދިވެހިންނަށް ފާގަތިކަން ހޯދައިދިނުމަށްޓަކައި ޕާޓީތަކުން އެކުގައި 2018 ވަނަ އަހަރު ފެށި މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށެވެ.



އަދާލަތު ޕާޓީގެ ނިންމުމާއި ގުޅިގެން ރައީސް ޞާލިޙްވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އެމަނިކުފާނު ކުރެއްވި ޓްވިޓެއްގައި، ރިޔާސީ އިންތިހާބުގައި އެކުގައި ކުރިއަށްދާން ނިންމާފައިވާތީ އެކަމަށްޓަކައި އަދާލަތު ޕާޓީއަށް ޝުކުރު އަދާކުރައްވާފައި ވެއެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދިވެހިރާއްޖެއަށް ހަމަޖެހުމާއި އުފާވެރި މާދަމައެއް ހޯދައިދިނުމުގައި އެންމެން އެކީ ގުޅިގެން ކުރިއަށްދިޔުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އަދާލަތުގެ މި ނިންމުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލްވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. ފައްޔާޒުވެސް ވަނީ އެ ނިންމުން ނިންމީތީއާއި އަދި ކޯލިޝަންގައި ތިބޭތީ ދިމާވާ ފުރައްސާރައަށް ބެލުމެއްނެތި މިހާތަނަށްވެސް ސަރުކާރާއިއެކު ކޮށްދިން މަސައްކަތަށް އަދާލަތަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކޯލިޝަން ހެދުމުގެ ބާރު އެމްޑީޕީން ރައީސް ޞާލިޙަށް ދިނުމާއެކު ރައީސް ވަނީ މިހާރުވެސް ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ގުޅިގެން މަސައްކަތް ކުރުމުގެ ދައުވަތު ދެއްވާފައެވެ.

ރައީސްގެ ހުށަހެޅުން މިހާތަނަށް ގަބޫލުކުރީ އަދާލަތު ޕާޓީން އެކަންޏެވެ. ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމުން ގޮތެއް ނުނިންމައެވެ.



ކިޔުންތެރިންގެ ހިޔާލު